އިންޑޮނީޝިޔާގެ މިނިސްޓާ އޮފް މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒް ޑޮކްޓާ ފެޑެލް މުހަންމަދު، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ އަރިހަށް މިއަދު އިހުތިރާމް ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުމުގައި، އިންޑޮނީޝިޔާގައި އެކުއާ ކަލްޗަރާއި މެރިކަލްޗާގެ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އިންޑޮނީޝިޔާގެ މަސްވެރި ކަމާބެހޭ ވަޒީރު ރައީސަށް އެރުއްވެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ދާއިރާއިން ރާއްޖޭގައި ހުރި ފުރުސަތު ތަކުގެ ބޭނުން ހިފައި، ރާއްޖޭގައި އިންވެސްޓް ކުރުމަށް އިންޑޮނޭޝިޔާގެ ކުންފުނިތަކުގެ ޝައުޤުވެރިކަން ހުރިކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މިދާއިރާއިން ހުރި ފުރުސަތު ތަކުގެ މައްޗަށް ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުން، ދެ ޤައުމުގެ ޕްރައިވެޓް ސެކްޓަރުގެ މެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ އިންޑޮނީޝިޔާގެ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވިފައިވާކަމަށް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން އިތުރަށް ފުޅާކުރައްވައި، ކަނޑާއި، ފަރާއި ފަޅުގެ ދިރުން އާލާކުރެއްވުމުގެ ވިޔަފާރި ރާއްޖެއަށް ތަޢާރަފް ކުރައްވައި، މި ވިޔަފާރި ފުޅާ ކުރެއްވުމަށް ސަރުކާރުން އިސްކަން ދެއްވާ ކަމަށެވެ.