އިންސާނާގެ ބޮޑުކަމުދާ ނަޖިސް ބޭނުންކޮށްގެން ދުއްވާ ފުރަތަމަ "ބަޔޯ-ބަސް" އިނގިރޭސި ވިލާތުގެ ބްރިސްޓޮލް އާއި ބާތުގެ ދެމެދު ދުއްވަން ފަށައިފި އެވެ.

އިންސާނާގެ ނަޖިހާއި ކެއުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ބޭކާރުވާ ތަކެތިން އުފައްދާ 'ބަޔޯމީތޭން' ބޭނުންކޮށްގެން ދުއްވާ އެ ބަހުގައި 40 ފަސިންޖަރުންނަށް ތިބެވޭނެ އެވެ.

ތިމާވެއްޓާ ރަހްމަތްތެރި އެ ބަސް ފުލް ޓޭންކު ގޭހުގައި 300 ކިލޯ މީޓަރަށް ދަތުރު ކުރެ އެވެ. އެ އަދަދުގެ ގޭސް އުފެއްދުމަށް އެވްރެޖްކޮށް ފަސް އިންސާނަކު އަހަރަކު ބޭރު ކުރާ އަދަދުގެ ނަޖިސް ބޭނުންވާނެ އެވެ.

ޓުއާ އޮޕަރޭޓަރުން ދުއްވާ އެ ބަސް، ބްރިސްޓޮލް އެއާޕޯޓާއި ބާތު ސިޓީ އާ ދެމެދު ފަސިންޖަރުން ގެންގޮސް ގެނެސްދޭނެ އެވެ.

ކޮމްބަސްޗަން އިންޖީނެއް ހަރުކޮށްފައިވާ އެ ބަހުގެ އިންޖީނު އާދައިގެ ބަސްތަކާ އެއްގޮތް ނަމަވެސް އޭގައި އުފައްދާ ގޭސް ބަހައްޓާފައިވާ ހުންނާނީ ގުއްބު ގޮތަށް ހުންނަ ޓޭންކުތަކެއްގަ އެވެ. އެ ގޭސްތައް އުފައްދަނީ އެނެރޯބިކް (އޮކްސިޖެން ބޭނުން ނުވާ) ބެކްޓީރިއާ އިންނެވެ. ނަމަވެސް އެ ގޭސްތައް ފަހުން މީތޭން ގޭހަށް ބަދަލު ވާނެ އެވެ. އެ ގޭސްތައް ބަސް ދުއްވުމަށް ބޭނުން ކުރުމުގެ ކުރިން އޭގައި ހުރި ކާބަންޑައިއޮކްސައިޑް ނެގުމަށްފަހު ޕްރޮޕޭން އަޅާނެ އެވެ. އެއާއެކު ނަޖިސްތައް ސާފު ކުރާއިރު އެ ގޭހުން އެއްވެސް ކަހަލަ ނުބައި ވަހެއް ނުދުވާނެ އެވެ.

އާދައިގެ އިންސާނެއް އަހަރެއްގެ މަތިން ބޭރު ކުރާ ބޮޑުކަމުދާ ނަޖިހުގެ ބާރުން އެ ބަސް 60 ކިލޯމީޓާރަށް ދުއްވޭނެ އެވެ. ޑީސަލްގެ ބާރުގައި ދުއްވާ ބަސްތަކާ ހިލާފަށް އެ ބަހުން ކާބަންޑައިއޮކްސައިޑް ބޭރުވާ އަދަދު 30 އިންސައްތަ އަށް މަދުވާނެ އެވެ.

އެ ބަހާ ބެހޭގޮތުން ބަޔޯމީތޭން އުފައްދާ ކުންފުނި "ޖެންއެކޯ" ގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޞާދިގު ވިދާޅުވީ، ގޭސް ބޭނުން ކޮށްގެން ދުއްވާ އުޅަނދުތަކަކީ ވައި ސާފު ކުރުމުގައި މުހިއްމު ރޯލެއް ކުޅޭ އެއްޗެއް ކަމަށް ވިޔަސް "ބަޔޯ-ބަސް" އިން ބޮޑު ފައިދާ އެއް ކުރާ ކަމަށެވެ. ސަބަބީ އެ ބަސް ދުވަނީ އާންމުންގެ ނަޖިހުން ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.