22 Nov 2014, 21:31
ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މިހާރު ކުރިއަށް ގެންދާ މައިލޯ 41 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަން ޓީމް އިވެންޓުގައި ކުޅުނު ފުރަތަމަ މެޗު، ޔުނީކް ސްޕޯޓްސް ކްލަބް ކާމިޔާބު ކޮށްފި އެވެ.
ރޭ 8:00 ގައި އެކުވެނި އިންޑޯ ބެޑްމިންޓަން ހޯލްގައި ކުރިއަށް ގެންދިޔަ މި މެޗުގައި އެޓީމް ބައްދަލުކޮށްފައި ވަނީ އޮފް އެފްސީ އާއެވެ. މި މެޗު ޔުނީކް ކާމިޔާބު ކުރީ ކުޅުނު ފަސް ގޭމުގެ ތެރޭން ތިން ގޭމް ކާމިޔާބު ކޮށްގެނެވެ.
މުބާރާތުގެ ދެވަނަ ޑިވިޝަން ޓީމް އިވެންޓުގައި މިފަހަރު ތިން ޓީމެއް ބައިވެރިވެފައި ވެއެވެ.
މި މެޗުގެ އިތުރުން އިއްޔެ ހަވީރުން ފަށައިގެން ރޭގަނޑުގެ ނިޔަލަށް ހަތްވަނަ ބެޑްމިންޓަން އަތޮޅު ލީގުގެ ހަތް މެޗެއް ވަނީ ކުޅެފައެވެ.
އަތޮޅު ލީގް ޓީމް އިވެންޓުގެ ފުރަތަމަ މެޗުގައި ބައްދަލުކޮއްފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ފ. ނިލަންދޫ ކައުންސިލް އެވެ. މި މެޗުގެ ސީދާ ފަސް ގޭމް ކާމިޔާބުކޮށް މެޗުން މޮޅުވެފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އެވެ. ލީގުގެ ދެވަނަ މެޗުގައި މަރަދޫ އައްޑޫ ސިޓީ އާއި ފ. އަތޮޅު ކައުންސިލް ބައްދަލުކޮށް، ފ. އަތޮޅު ކައުންސިލް މެޗުން މޮޅުވެފައި ވަނީ ސީދާ ފަސް ގޭމް ކާމިޔާބުކޮށްގެނެވެ. ތޮއްޑޫ ޒުވާނުންގެ ޓީމާއި ހޮރައިޒަން އެކަޑެމީ ބައްދަލު ކުރި ލީގުގެ ހަތަރުވަނަ މެޗު ހޮރައިޒަނުންވެސް ކާމިޔާބު ކޮށްފައި ވަނީ ސީދާ ފަސް ސެޓު ކާމިޔާބު ކޮށްގެނެވެ. އަދި ލީގުގައި ފ. ނިލަންދޫ ކައުންސިލް އާއި މީމު ބީޑީސީ ބައްދަލުކުރި ފަސްވަނަ މެޗު މީމު ބީޑީސީ ކާމިޔާބު ކޮށްފައި ވަނީ ސީދާ ފަސް ގޭމް ކާމިޔާބު ކޮށްގެނެވެ.
ލީގުގެ ތިންވަނަ މެޗުގައި ހދ. ބީޑީސީ އާއި ތޮއްޑޫ ބެޑްމިންޓަން ޓީމް ބައްދަލުކޮށްފައި ވާއިރު، 2-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފައި ވަނީ ތޮއްޑޫ ބެޑްމިންޓަން ޓީމެވެ. ހަވަނަ މެޗުގައި ބައްދަލުކުރީ މަރަދޫ އައްޑޫ ސިޓީ އާއި އޭދަފުށި ބީޑީސީ އެވެ. މި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ އޭދަފުށި ބީޑީސީ އެވެ. އަދި ލީގުގައި ރޭ ކުޅުނު އެންމެ ފަހު މެޗުގައި ތޮއްޑޫ ބެޑްމިންޓަން ޓީމާއި ހަވަރު ސްޕޯޓްސް ބައްދަލުކުރި މެޗު ތޮއްޑޫ ބެޑްމިންޓަން ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ.
މިފަހަރުގެ އަތޮޅު ލީގުގައި މުޅިއެކު 12 ޓީމެއް ބައިވެރިވެފައި ވާއިރު، މި ލީގު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގްރޫޕް އުސޫލުންނެވެ. އަދި މި ލީގުގެ ފަސް މެޗެއް މިއަދުވެސް ކުޅެން ހަމަޖެހިފައި ވެއެވެ.