ޒުވާނުން މަސައްކަތުގެ މާހައުލަށް އަހުލުވެރިކޮށް ކުށުގެ މާހައުލުން ދުރުހެލިކުރުމުގެ މަގްސަދުގައި ފުލުހުން ހިންގަމުން އަންނަ ބްލޫޒް ފޯ ޔޫތު ކޭމްޕްގެ އަށް ވަނަ ކޭމްޕް ދ. ވާނީގައި ބާއްވަން ނިންމައިިފި އެވެ.

ފުލުހުން ބުނީ، ވާނީގައި ބާއްވާ އެ ކޭމްޕުގައި މ އަދި ފ އަތޮޅުގެ ޒުވާނުން ބައިވެރިވާނެ ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ބްލޫޒް ފޯ ޔޫތު ކޭމްޕަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް ވާނީ އައްޑޫގައި އަދި ފުވައްމުލަކުގައި ވެސް ކޭމްޕު ބާއްވާފައި. އަދި މާލޭގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ވެސް މި ކޭމްޕް ވާނީ ބާއްވާފައި. އެގޮތުން މިފަހަރު އަޅުގަނޑުމެން މި ކޭމްޕް މި ބާއްވަނީ ދ. ވާނީގައި،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ، މިފަހަރުގެ ކޭމްޕުގައި 110 ޒުވާނުން މި ފަހަރު ބައިވެރިވާނެ ކަމަށެވެ. އެގޮތުން އެ ކޭމްޕުގައި މ، ފ، އަދި ދ އަތޮޅުގެ ގްރޭޑް 10، 11، އަދި 12 ނިންމާފައި ތިބި ކުދިން ބައިވެރިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ނޮވެމްބަރު މަހުގެ 29ގެ ނިޔަލަށް ކުރިއަށްދާ މި ކޭމްޕުގެ ބައިވެރިންނަށް ދިރިއުޅުމުގެ ތަފާތު ހުނަރުތަކާއި އަދަބުތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޒުވާނުންގެ މެދުގައި ޤައުމީ ލޯބި އިތުރުކުރުމާއި ޤައުމިއްޔަތު ދިރުވައި އާލާކުރުމާއި ކަންކަމުގައި އިސްނަގައި ޒިންމާދާރު މީހެއްގެ ގޮތުގައި ހުރުމަށް ބާރުއަޅާ ގިނަ ހަރަކާތްތަކާއި މަޢުލޫމާތު މިކޭމްޕުގައި ދެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.