އެސްޓަން ވިލާގެ ކެޕްޓަން ރޮން ވްލާރ އެ ކްލަބުގައި ބަހައްޓަން ބޭނުން ކަމަށް ވިލާގެ ކޯޗް ޕޯލް ލޭމްބާޓް ބުނެފި އެވެ.

އުމުރުން 29 އަހަރުގެ ވްލާރ އެސްޓަން ވިލާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާއިރު، އޭނާ އެ ޓީމްގައި ބަހައްޓަން ބޭނުންކަމަށް އެ ޓީމްގެ ކޯޗް ލޭމްބާޓް ބުނެފައި ވަނީ މެންޗެސްޓާ ޔުނައިޓަޑުންވެސް ވްލާރ އާއި ދޭތެރޭ ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

"އޭނަ [ވްލާރ] އެސްޓަން ވިލާގައި ބަހައްޓަން އަހަރެން ވަރަށް ބޭނުން. ވްލާގެ އޭޖެންޓާ އަހަރުމެން ވާހަކަ ދައްކައިފިން. އޭނަ ބުނިގޮތުގައި މިކަމުގައި ގޮތް ނިންމުން އޮތީ އަހަރުމެންގެ އަތް މަތީ،" ލޭމްބާޓް ބުންޏެވެ.

ވްލާރ އެސްޓަން ވިލާ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމުގެ ވާހަކަތައް މިދިޔަ ހަފްތާތެރޭ ފަތުރާފައި ވަނީ އޭނާގެ އޭޖެންޓެވެ. އޭޖެންޓް ބުނިގޮތުގައި ވްލާރ އާއެކު އެސްޓަން ވިލާއިން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމަކީ އޭނާގެ ކްލައިންޓަށް (ވްލާރ)އަށް ލިބިގެންދާ އާ ފެށުމެއް ކަމަށާއި، އެއީ އޭނާއަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ލޭންބާޓް ބުނިގޮތުގައި އަނިޔާގެ ސަބަބުން މިފަހަރުގެ ލީގުގައި އެސްޓަން ވިލާގެ އެންމެ ހަތް މެޗުން ފެނިފައިވާ ވްލާރ ކޮންމެ ފޯމެއްގައި ހުއްޓަސް އޭނާ އެސްޓަން ވިލާގައި ބަހައްޓަން ބޭނުމެވެ. އަދި އޭނާ ވަނީ ވްލާރގެ އޭޖެންޓުގެ ވާހަކަތަކާ މެދު ހިންހަމަ ނުޖެހުން ފާޅުކޮށްފައެވެ.

"އަހަރެން އެއްވެސް ގޮތަކަށް ވްލާރ ކުއްވެރިއެއް ނުކުރަން. އޭނާ އެއީ ވަރަށް ރަނގަޅު ކުޅުންތެރިއެއް. ވްލާރ އަށް ފުރުސަތުތަކެއް ހުޅުވިފައި ވިއަސް، އޭނަގެ އޭޖެންޓް ދެއްކި ވާހަކައަކީ އެހާ ރަނގަޅު ވާހަކައެއް ނޫން،" ލޭމްބާޓް ބުންޏެވެ.

ނެދަލެންޑްގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ ވްލާރ އާއި ދޭތެރޭ މެންޗެސްޓަ ޔުނައިޓަޑުން ޝައުގުވެރިކަން ފާޅުކޮށްފައި ވާއިރު، އޭނާ ވަނީ ޔުނައިޓަޑްގެ މިހާރުގެ ކޯޗް ވެން ހާލްގެ ދަށުން ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުޅެދީފައެވެ. އަދި އޭނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ނެދަލޭންޑް ޓީމަށް ހަތް މެޗު ކުޅެދީފައެވެ.