22 Nov 2014, 18:55
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާ ޖެހިގެންއައި ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 89 މީހުންގެ މައްސަލަ މާދަމާ އަލުން ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
ޕީޖީގެ ވަކީލުން ހާޒިރުނުވެގެން ކޯޓުން މައްސަލަ އަނބުރާ ފޮނުވާލި މައްސަލައިގައި ސަން އަށް މައުލޫމާތު ދެއްވަމުން ޕީޖީ މުހުތާޒު ވިދާޅުވީ ހޮނިހިރު ދުވަހު ޝަރީއަތް އޮތްކަން ކޯޓަށް އަންގާފައި ވަނީ ބުރާސްފަތި ދުވަހުގެ ފަހުގެ ވަގުތެއްގައި ކަމަށެވެ. އެހެންކަމުން އެ މައްސަލައަށް ވަކީލުން ހަމަނުޖެއްސުނީ ކަމަށް މުހުތާޒު ވިދާޅުވިއެވެ.
އަދި ޕީޖީ ވިދާޅުވީ 89 މީހުންގެ މައްސަލަ އަނބުރާ ބޭރުކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.
މިއަދު 10:00 އަށް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ތާވަލްކޮށްފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމަށެވެ.
މިއަދު މައްސަލަ ތާވަލް ކުރި އިރު ހެކީންނަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމުގެ މައުލޫމާތު ކޯޓަށް ލިބިފައިވާތީ އޭގެތެރެއިން 55 މީހަކު ހެކިބަސް ނަގައިނިމެންދެން ބަންދުގައި ބައިތިއްވުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފައެވެ.
މިއަދު މައްސަލަ އަނބުރާ ފޮނުވާލުމަށްފަހު އެ އެންމެން ވަނީ ބަންދުން ދޫކޮށްލާފައެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ 89 މީހުން ވެސް މިއަދު ކޯޓަށް ހާޒިރުކުރިއެވެ. ކޯޓުގައި ހުރެ ސަން އަށް މައުލޫމާތު ދެއްވަމުން ގދ. އަތޮޅު ކައުންސިލްގެ ކުރީގެ މެމްބަރު އަހްމަދު ގައިސު ވިދާޅުވީ ހެކީންނަކީ ސިއްރުކޮށްފައި ތިބި ބައެއް ކަމަށާއި އެހެންކަމުން އެމީހުންނަށް ބިރުދެއްކޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ގދ. އަތޮޅު ކައުންސިލްގެ ކުރީގެ މެމްބަރު އަހްމަދު ގައިސު އާއި ދައުވާ ލިބޭ އިތުރު ބަޔަކު ކްރިމިނަލް ކޯޓުގެ ބޭރުގައި ---- ސަން ފޮޓޯ: އަހްމަދު އާޒިފް
އޭނާ ވިދާޅުވީ ދައުލަތުން ގަބޫލުކުރާގޮތުގައި ހެކީންގެ މައުލޫމާތު ދައުވާ ލިބޭ ފަރާތްތަކަށް ވަނީ ލިބިފައި ކަމަށާއި އެހެންކަމުން ހެކީންގެ ބަޔާންތައް ދައުވާ ލިބޭ މީހުންނަށް ވެސް ލިބެންޖެހޭނެ ކަމަށެވެ.
ޕީޖީ ވިދާޅުވީ އެމީހުންގެ ދިފާއީ ހެކީން މިހާރު ތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވެ އުޅުމުގެ ތެރޭގައި ދައުވާ ލިބޭ މީހުންގެ ތެރެއިން 13 މީހަކު ވަނީ ޖަސްޓިސް ބިލްޑިންގްގެ ތެރޭގައި ނަމާދުކޮށްފައެވެ. އިމާމްވެ ނަމާދު ކުރީ ތިނަދޫ މިސްކިތެއްގެ މުދިމް އަދި އެ މައްސަލައިގައި ދައުވާ ލިބޭ މީހެއްކަމުގައިވާ އަހްމަދު ސާދިގު އެވެ.

ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 13 މީހަކު ޖަސްޓިސް ބިލްޑިންގްގެ ތެރޭގައި ނަމާދު ކުރަނީ ---- ސަން ފޮޓޯ: އަހްމަދު އާުޒިފް