22 Nov 2014, 16:48
ފްރާންސްގެ ކުރީގެ މައްޝޫރު ފުޓްބޯޅަ ތަރި ޒައިނައްދީން ޒިދާންގެ ކޯޗުކަން ކުރުމުގެ ސަސްޕެންޝަން އުވާލައިފިކަމަށް ރިއަލް މެޑްރިޑުން އިއްޔެ ބުނެފި އެވެ.
އެ ކްލަބުން އިއްޔެ ނެރިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސްޕެއިންގެ ކުޅިވަރާ ބެހޭ ކޯޓުން މައްސަލަ ބެލުމަށް ފަހު ޒިދާންގެ ސަސްޕެޝަން އުވާލާފައިވާ ކަމަށާއި ޒިދާނަށް އެ ކްލަބުގެ ދެވަނަ ޑިވިޝަން ޓީމުގެ ކޯޗުކަމަށް އެނބުރި އާދެވޭނެ ކަމަށެވެ.
ޒިދާން ކޯޗުކަން ކުރުމުން ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ މަހު އެވެ. ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާ ސަސްޕެންޑް ކޮށްފައި ވަނީ އެ ގައުމުގެ ދެވަނަ ޑިވިޝަންގެ ޓީމަކަށް ކޯޗުކަން ކޮށްދިނުމުގެ ލައިސެންސް އޭނާ އަތުގައި ނެތް ކަމަށް ބުނެއެވެ. އޭނާ ވަނީ ރިއަލް މެޑްރިޑްގެ 'އޭ' ޓީމް (އެއްވަނަ ޑިވިޝަންގެ ޓީމް)ގައި އެ ޓީމްގެ ހެޑް ކޯޗް ކާލޮސް އެންޗެލޮޓީގެ ދަށުން މަސައްކަތް ކުރުމަށް ފަހު، ރިއަލް މެޑްރިޑްގެ 'ބީ' ޓީމް (ދެވަނަ ޑިވިޝަންގެ ޓީމް)ގެ ހެޑް ކޯޗުކަމާ ހަވާލުވެފަ އެވެ.
ޒިދާން ޔޫއެފާ ލެވަލް 'އޭ' ގެ ކޯޗިންގް ލައިސެންސެއް ހާސިލްކޮށްފައިވާ އިރު، ސްޕެއިންގެ ސިސްޓަމްގައި އެ ލައިސެންސް ބެލެވެނީ ލެވަލް ދޭއްގެ ލައިސެންސެއް ކަމަށެވެ. ސްޕެއިންގެ ދެވަނަ ޑިވިޝަނަށް ޓީމަކަށް ކޯޗުކަން ކޮށްދިނުމަށް އެ ގައުމުގެ ލެވަލް ތިނެއްގެ ލައިސެންސެއް ބޭނުންވާ ކަމުން، ޒިދާން ތިން މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމީ މިކަމާ ގުޅިގެނެވެ. ޔޫއެފާ ލެވަލް 'އޭ' ލައިސަކީ ފްރާންސްގައި ދެވަނަ ޑިވިޝަންގެ ޓީމަކަށް ކޯޗުކަން ކޮށްދިނުމަށް ކޮލިފައިވާ ލައިސެންސެކެވެ.
ޒިދާން ސަސްޕެންޑް ކުރުމާ އެކު ރިއަލް މެޑްރިޑުން ވަނީ ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މި ނިންމުން ބާތިލު ކުރުމަށް ގާނޫނީ ގޮތުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމަށް ބުނެފަ އެވެ. އެގޮތުން ކްލަބުން ވަނީ މި މައްސަލަ ސްޕެއިންގެ ކުޅިވަރާ ބެހޭ ކޯޓަށް ވައްދާ، މި މައްސަލައިގާ ސްޕެިންގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ނިންމުން ބާތިލުކޮށްފަ އެވެ.
ޒިދާންއަކީ ފްރާންސްގެ ގައުމީ ޓީމުގެ އިތުރުން ރިއަލް މެޑްރިޑުގައި ވެސް ވިދާލި ތަރިއެކެވެ. އެގޮތުން އޭނާ ވަނީ 2001 ކުން 2006 ކަށް ރިއަލް މެޑްރިޑަށް މުޅިއަކު 155 މެޗު ކުޅެދީ، އެ ޓީމަށް 37 ގޯލް ކާމިޔާބު ކޮށްފައެވެ. ކުޅުމުން ދުރުވުމަށް ފަހު އޭނާ ކޯޗުކަން ކުރަން ފައްޓާފައި ވަނީ ރިއަލް މެޑްރިޑްގެ ކޯޗް ކާލޮސް އެންޗެލޮޓީގެ ދަށުން އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.