އައްޑޫ ސިޓީ މަރަދޫގައި ރޭ ކަތިވަޅިއަކުން މީހަކަށް ހަމަލާދިނުމުގެ ތުހުމަތުގައި ޒުވާނަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލާގެ ތުހުމަތުގައި 23 އަހަރުގެ ޒުވާނަކު މިއަދު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އޭނާ ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ގޭގެ އަލަމާރި ތެރޭގައި ފިލާ އޮއްވައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކަތިވަޅިން ހަމަލާދިން މައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާއަކީ ތަފާތު އެކި ކުށުގެ މައްސަލަތައް އޮންނަ މީހެކެވެ. އޭނައަކީ ތަފާތު އެކި ކުށްތަކުގެ ތުހުމަތުގައި ނުވަ ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުންގެ އޮފިޝަލް ބުންޏެވެ.

އޭނާގެ ކުށުގެ ރެކޯޑުގެ ތެރޭގައި މާރާމާރީ ހިންގުމާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ހިމެނެ އެވެ.

މަރަދޫގައި ރޭ ހިނގި މާރާމާރީގައި ކަތިވަޅިއަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައި ވަނީ ހިތަދޫ، ބުލްބުލާގެ، މުހައްމަދު ނަސީރު، 34، އަހަރެވެ. އޭނާއަށް އަދިވެސް ދަނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.