އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމުގެ މަސައްކަތުގައި ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބޭނުންތަކާއި އަވަސް ފިޔަވަޅުތަކެއް އެޅުމަށް މިނިސްޓަރު އޮފް އެންވަޔަރަންމަންޓް ތޯރީގު އިބްރާހިމް ގޮވާލައްވައިފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން މިއަދު ބުނީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމުގެ މަސައްކަތުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބޭނުންތަކާ މެދު ވިސްނައި މޮންޓްރިއަލް ޕްރޮޓޮކޯލްގެ ތެރެއިން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާ ކަމަށެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ ވިއެނާ ކޮންވެންޝަންގެ 10 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކާއި އާލާތްތަކުގައި ބޭނުންކުރާ އެޗްސީއެފްސީ ގޭސް ބޭނުން ކުރުން ހުއްޓާލުމަށް ރާއްޖެއިން މަސައްކަތް ފަށާފައި ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ނަމަވެސް އެގޭހުގެ ބަދަލުގައި ބޭނުންކުރެވޭ އެޗްއެފްސީ ގޭހަކީ ތިމާވެއްޓަށް ގެއްލުން ދެނެވި، އަދި އޭގެ ސަބަބުން ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ގޭހަކަށް ވާތީ އެކަމަށް ސަމާލުކަން ދިނުން މުހިއްމު ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުން އެންމެ ފުރަތަމަ އަސަރުކުރާނޭ ގައުމުތަކަކީ ރާއްޖެ ފަދަ ތަރައއްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށާއި މޮންޓްރިއަލް ޕްރޮޓޮކޯލްގެ ސަބަބުން މިމައްސަލަ އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ ރާއްޖެ އިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

މޮންޓްރިއަލް ޕްރޮޓޮކޯލްގެ އޮނިގަނޑުގެ ތެރެއިން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ. އެކަމަށް އެންމެ އެކަށޭނެ މުއަހަދާއަކީ މޮންޓްރިއަލް ޕްރޮޓޮކޯލްކަމަށް ވެސް ތޯރިގު ވަނީ ވިދާޅުވެފަ އެވެ.

ފެޑެރޭޓެޑް ސްޓޭޓްސް އޮފް މައިކްރޮނީޝިއާއާއި ގުޅިގެން ރާއްޖޭގެ ފަރާތުން ވަނީ އެޗްއެފްސީ ބޭނުންކުރުން އިތުރުވާ މިއްސަލައަށް ހައްލެއް ހޯދުމަށް މޮންޓްރިއަލް ޕްރޮޓޮކޯލްގެ ތެރެއިން މަސައްކަތްކުރެވޭނޭ ފަދައިން މިމުއާހަދާ އިސްލާހުކުރުމަށް މިނިސްޓަރު ތޯރިގު ހުށަހެޅުއްވި އެވެ.

ވިއެނާ ކޮންވެންޝަންގެ ދިހަ ވަނަ ކޮންފަރެންސް އޮފް ދަ ޕާރޓީސްއާއި މޮންޓްރިއަލް ޕްރޮޓޮކޯލްގެ 26 ވަނަ މީޓިންގް އޮފް ދަ ޕާޓީސްގައި މިމަހުގެ 17 އިން 21 އަށް ފްރާންސްގެ ވެރި ރަށް ޕެރިހުގައި ހިނގަމުންދާނެ އެވެ.