ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ "މައިލޯ ވީއޭއެމް ޔޫތު ވޮލީ ޗެމްޕިއަންޝިޕް 2014"ގެ ރޭގެ މެޗުން ކެޔޮދޫ ރައްވެހި ކްލަބް މޮޅުވެއްޖެ އެވެ.

ޕޮލިސް ކްލަބާ ބައްދަލު ކުރި އެ މެޗުން ކެޔޮދޫ ޓީމު މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވީ ކެޔޮދޫ ޓީމު ޖާޒީ ނަމްބަރު 16 މުހައްމަދު ޝައިން އެވެ.

އިއްޔެގެ ފުރަތަމަ މެޗު ހަވީރު ކުޅުނު އިރު އެ މެޗުގައި ބައްދަލު ކުރީ ގެމަނަފުށީ ސްޕޯޓްސް ކްލަބާއި ކްލަބް ހާފް ލައިން ލިންކޭޖް އެވެ. އެ މެޗު ތިން ސެޓުން ގެންދިޔައީ ހާފް ލައިން ލިންކޭޖް އެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވީ މޮޅުވި ޓީމު ޖާޒީ ނަމްބަރު 10 ކުޅުންތެރިޔާ ނާބިތު އިސްމާއިލް އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ދެ މެޗު މިއަދު ކުޅެން ހަމަޖައްސާފައިވާ އިރު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޕޮލިސް ކްލަބާއި ފެލިދޫ އެކުވެރިންގެ ދިރުމެވެ. އަދި މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ކެޔޮދޫ ރަށްވެހި ކްލަބާއި ކްލަބް ހާފް ލައިން ލިންކޭޖް އެވެ.

ބުދަ ދުވަހު ފެށި އެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފަ އެވެ. އެއީ އަންހެން ޑިވިޝަންގެ ފަސް ޓީމާއި ފިރިހެން ޑިވިޝަންގެ ފަސް ޓީމެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވީ، ޕޮލިސް ކްލަބާއި ގެމަނަފުށި ސްޕޯޓްސް ކްލަބާއި ފޮނަދޫ އެކުވެރިންގެ ގުޅުމާއި ކެޔޮދޫ ރަށްވެހި ކްލަބް އަދި ކްލަބް ހާފް ލައިން ލިންކޭޖޭވެ.

އަންހެން ޑިވިޝަންގައި ބައިވެރިވީ، ޔޫތު ސްޕޯޓްސް ކްލަބާއި އައިލެންޑް އޯޝަން ކްލަބާއި ބ. ގޮއިދޫ ސްކޫލާއި ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ޕޮލިސް ކްލަބެވެ.