އިނގިރޭސި ޕްރިމިއާ ލީގުގައި ކުރިއަށް އެ ޓީމުން ކުޅެން އޮތް އަށް މެޗު ވެސް ކާމިޔާބު ކުރަން ޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް މެނުއެލް ޕެލެގްރިނި ބުނެފި އެވެ.

ޕެލެގްރިނީ ބުނިގޮތުގައި ނޮވެންބަރުގެ ފަހު ހަފްތާ އާއި ޑިސެމްބަރު މަހަކީ މި އަހަރުގެ ޕްރިމިއާ ލީގުގެ އެންމެ މުހިންމު ދުވަސްކޮޅު ކަމަށާއި މި ލީގްގެ ޓައިޓްލް އަށް ވާދާކުރާ ރޭހުގައި ސިޓީ ހިފައްޓާލަން ބޭނުންވާ ކަމަށް ވަންޔާ ދެން ލީގުގައި ކުރިއަށް ކުޅެން އޮތް ހުރިހާ މެޗެއްވެސް ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ.

"މި އަހަރު އަދި ސިޓީ އަށް 24 ޕޮއިންޓް ކާމިޔާބު ކުރެވެން އެބޮތް. މި 24 ޕޮއިންޓް އެކީ ކާމިޔާބު ކުރުމަކީ ސިޓީއަށް ވަރަށް މުހިންމު ކަމެއް. މި ކަމަށް ޓީމުން ގަދައަޅާ މަސައްކަތް ކުރަން ޖެހޭ،" އެނާ ބުންޏެވެ.

މުޅިއަކު 11 މެޗު ކުޅެފައިވާ ސިޓީ އަށް މިހާތަނަށް 21 ޕޮއިން ލިބިފައިވާ އިރު، އެ ޓީމް ވަނީ ޕްރިމިއާ ލީގް ތާވަލްގެ ތިންވަނައިގަ އެވެ. ކުޅުނު 11 މެޗުގެ ތެރޭން ނުވަ މެޗު ކާމިޔާބުކޮށް، ދެ މެޗުން އެއްވަރުވެފައިވާ ޗެލްސީ ތާވަލްގެ އެއްވަނަ މަގާމް ހާސިލްކޮށްފައިވާ އިރު، މުޅިއަކު 25 ޕޮއިންޓާ އެކު ތާވަލްގެ ދެވަނައިގާ ވަނީ ސައުތޭމްޕްޓަން އެވެ.

މިފަހަރުގެޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ޑިސެމްބަރުގައި ނިމޭ އިރު، މިދިޔަ އަހަރުގެ މިހާ ހިސާބުގައި ސިޓީ ވަނީ ހުރިހާ މުބާރާތަކުން 20 މެޗު ބަލިނުވެ ޕްރިމިއާ ލީގުގެ ތަށި ވެސް އުފުލާލާފަ އެވެ. ނަމަވެސް މިފަހަރުގެ ލީގުގައި އެންމެ ފަހުން ކުޅުނު ތިންމެޗުގެ ތެރޭން ސިޓީއަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ މެޗެކެވެ.

މި ނަތީޖާއާ އެކު ޕެލެގްރިނީ ބުނެފައި ވަނީ މިފަހަރުގެ ތާވަލްގެ އެއްވަނަ ނުލިބުނު ކަމުގައި ވިޔަސް، ލީގުގެ ފުރަތަމަ ބުރު ރަނގަޅު ކުރުމަކީ ސިޓީއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ތާވަލްގެ އެއްވަނަ ހޯދުމަކީ މިފަހަރު ނުވެދާނެ ކަމެއް. ޗެލްސީ މިހާރު އޮތީ ވަރަށް ރަނގަޅު ފޯމެއްގަ. އެކަމު ލީގުގެ ފުރަތަމަ ބުރު ރަނގަޅު ކުރުމަކީ ވަރަށް މުހިންމު ކަމެއް. މިފަހަރު މި ބުރުގައި ސިޓީގެ އަމާޒަކީ ކުރިއަށް އޮތް މެޗު ތަކުން އެންމެ މަދުވެގެން 41، ނޫނީ 42 ޕޮއިންޓް ހޯދުން،" އޭނާ ބުންޏެވެ.

ޕްރިމިއާ ލީގްގައި ސިޓީ މިރޭ ކުޅެން ހަމަޖެހިފައި ވަނީ ސްވޮންސޭ ސިޓީ އާ އެވެ. މިފަހަރުގެ މުބާރާތުގައި މުޅިއަކު 18 ޕޮއިންޓާ އެކު ތާވަލްގެ ފަސްވަނައިގާ އޮތް ސްވޮންސޭ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރޭން ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.