22 Nov 2014, 14:49
ގދ. ތިނަދޫގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.
ކުރިމިނަލް ކޯޓު މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ސަން އަށް ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ އަށް ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަނާއި ކައުންސިލް އިދާރާ އާއި ތިނދޫ ކޯޓްގެ އިތުރުން ޕޮލިސް ސްޓޭޝަންގެ އެންމެހާ ވެހިކަލްތަކުގައި ހުޅިޖަހައި އަންދާލި މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ 89 މީހުންގެ މައްސަލަ އަނބުރާ ފޮނުވާލީ މިއަދު ކަމަށެވެ.
އެ މައްސަލާގައި ހެކި ބަސްދޭން ތިބި މީހުންނަށް އެމީހުން ބިރު ދައްކައި އިންޒާރުދެމުން ދާތީ އެ މައްސަލާގައި އެންމެ ފަހުން ބާއްވަން އުޅުނު ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.
އެ މައްސަލައާ ބެހޭ ގޮތުން އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ވަނީ ތިނަދޫގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ 55 މީހެއްގެ ހެކި ބަސް ނަގައި ނިމެންދެން ބަންދުގައި ބެއިތިއްބުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެމީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.