22 Nov 2014, 13:54
ލަގެޖްގެ ތެރޭގައި ބަޑީގެ ވަޒަނެއް ފޮރުވައިގެން ފުރަން އުޅުނު މީހަކު ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް) އިންޓަނޭޝަނަލް އެއާޕޯޓުގައި ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި އެވެ.
އިންޑިއާގެ އައިބީއެން ލައިވް އިން ބުނީ ވަޒަނެއް ހިފައިގެން ފުރަން އުޅެނިކޮށް އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) އިން ހިފެހެއްޓީ ސިވާ ނަމަކަށް ކިޔާ އުމުރުން 26 އަހަރުގެ އިންޑިއާ މީހެއް ކަމަށެވެ. އެނޫހުން އަދި ބުނީ އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓްގެ ކޮވިލްޕައްޓީ ނަމަކަށް ކިޔާ ރަށުގެ އެމީހާ ހިފެހެއްޓީ ސައުދީ އަރަބިއްޔާގެ ދައްމާމަށް ދިއުމަށް ފުރަން އޮތް މަތިންދާބޯޓަކަށް އަރަން އުޅެނިކޮށް ކަމަށެވެ.
ވަޒަނާ އެކު ހިފެހެއްޓުމުން ސިވާ ބުނެފައި ވަނީ އޭނާ އަތަށް ވަޒަން ދިނީ އެހެން މީހަކު ކަމަށެވެ. ނަމަވެސް އޭނާ އަށް އެކަން ސާބިތުކޮށް ނުދެވުމުން އޭނާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.