22 Nov 2014, 13:45
ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، 20 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ފުލުހުންގެ އިންޓަލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓުން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަޕޯޓަށް ޖެއްސި ވަގުތުގައި ކަމަށް ފުލުހުން ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ރޭ އަތުލައިގަތް މަސްތުވާތަކެއްޗަކީ ކިހާ އަދެދެއްގެ މަސްތުވާތަކެތި ކަމެއް ބުނަން އަދި ދަތި ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ އަތުލައިގަނެވުނު މަސްތުވާތަކެއްޗަކީ ކިހާ އަދަދެއްގެ އެއްޗެއްތޯ ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނީ، މަސްތުވާތަކެތީގެ މައްސަަލައިގައި އަތުލައިގަތް މީހާއަކީ އެމްޕްލޯއިމަންޓް ވިސާގައި ރާއްޖެއަށް އައި މީހެއް ކަމަށެވެ. މަސްތުވާތަކެތި ފެނިފައިވަނީ އެ މީހާގެ ފޮށިތައް އެކްސްރޭކުރިއިރު އޭނާ ގެންގުޅުނު ބެކްޕެކް ތެރޭގައި އިތުރު ދަބަހެއް އޮތްކަމަށް ދައްކާތީ ބެލި ބެލުމުން ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ފުލުހުން ބުނީ، އެތަކެތި ފެނިފައި ވަނީ ރޭ ހިންގި އޮޕަރޭޝަންގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި ތަކެތި ބަލައި ފާސްކުރި ވަގުތު ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރޭ އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ 'ކެނަބިސް' ފަތުގެ ބަރުދަނުގައި 925 ގްރާމް ހުއްޓެވެ.