22 Nov 2014, 12:50
ސްރީލަންކާގައި ރިޔާސީ އިންތިހާބު ބޭއްވުމަށް ދެ މަސް ދުވަހަށް ވެފައި ވަނިކޮށް، ކުރީގެ ރައީސާ ޗަންދުރިކާ ކުމާރަތުންގާ އެނބުރި ސިޔާސީ ދާއިރާ އަށް ނުކުންނަވައި އިދިކޮޅު އަދި ކޮމަން ކެންޑިޑޭޓް، މައިތިރިޕާލާ ސިރިސޭނާ އަށް ތާއީދު ކުރެއްވުމަށް ނިންމަވައިފި އެވެ.
ރާޖަޕަކްސާގެ ސަރުކާރުގެ ހެލްތު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައި އަދި އިދިކޮޅު ކޮމަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާނެ ކަމަށް މައިތިރިޕާލާ ސިރިސޭނާ ވަނީ އިއުލާން ކުރައްވައިފަ އެވެ.
ސްރީލާންކާގެ ރިޔާސީ އިންތިހާބު ބޭއްވުމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހު 8 ވާ ބުރާސްފަތި ދުވަހު އެވެ.
އިދިކޮޅު ފަރާތްތަކުން ގުޅިގެން ފުރަތަމަ ބޭއްވި ޕްރެސް ކޮންފަރެންސުގައި ޗަންދުރިކާ ވިދާޅުވީ "ނުވަ އަހަރަށް ފަހު ހިމޭންކަން ނިމުކަށް ގެނެސްފިން" ކަމަށެވެ. "އަހަރެން އެނބުރި ސިޔާސީ ދާއިރާ އަށް މި ނުކުތީ ރާޖުޕަކްސާ ހަލާކުކޮށްލާފައިވާ ޕާޓީ ސަލާމަތް ކުރުމަށް،" ޗަންދުރިކާގެ ބައްޕަ އަދި ކުރީގެ ބޮޑުވަޒީރު އެސްޑަބްލިޔުއާރުޑީ ބަންޑާރަނައިކަ އުފެއްދެވި ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.
ޗަންދުރިކާ އެ ނިންމެވުން ނިންމެވީ އޭނާގެ އާއިލާގެ ވިސްނުމާ ދެކޮޅަށެވެ. "އަހަރެންގެ ފިރިހެން ދަރިފުޅު ބުނީ މަންމާއޭ ސިޔާސީ ދާއިރާ އަށް ނުނިކުންނާށޭ، މަހިންދާ މަންމަ މަރާލާނެޔޭ."
ނަމަވެސް ޗަންދުރިކާ އެ ނިންމެވުން ނިންމެވީ އަދި ކޮމަން އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ނުކުރެއްވުމަކީ "ބޭވަފާތެެރިވުން" ކަމަށް ގަބޫލު ކުރެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިރިސޭނާ އަކީ އެސްއެލްއެފްޕީގެ ސީނިއާ މެމްބަރެއްގެ ގޮތުގައި ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރުގެ ހެލްތު މިނިސްޓަރުކަން ކުރެއްވި ކެބިނެޓް މެމްބަރެކެވެ. "އެކަމަކު އަހަރެންނަށް ހެލްތު މިނިސްޓްރީ ހިންގުމުގެ ބާރެއް ނޯވޭ،" ސިރިސޭނާ ވިދާޅުވި އެވެ. "ގައުމު ދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް،"
ސިރިސޭނާ ވަނީ އޭނާ ވެރިކަމަށް އަރާތާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 18 ވަނަ އެމެންޑްމެންޑްގެ ގޮތުގައި ގާނޫނު އަސާސީ އަށް ގެނައި ބަދަލު، - ޓާމް ލިމިޓް އުވާލި މައްސަލަ- ކުރިން އޮތް ގޮތަށް ރުޖޫއަކޮށް އެކަކަށް ވިދިވިދިގެން ހަ އަހަރުގެ ދެ ދައުރަށް ވުރެ ގިނަ ދުވަހު ވެރިކަމުގެ ނުހުރެވޭ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. "އަދި ރަނިލް ވިކްރަމަސިންގާ ބޮޑުވަޒީރެއްގެ ގޮތުގައި ހަމަޖައްސާނެ،" ކަމަށް ވިދާޅުވެފަ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ތާއީދު ހޯއްދެވުމުގެ ގޮތުން އޭނާ ވިދާޅުވި އެވެ.
ސިރިސޭނާއާ އެކު ޕާޓީ ބަދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ރާޖަޕަކްސާގެ ފިޝަރީޒު މިނިސްޓަރު ރަޖިތު ސެނެރަތުން ހިމެނެ އެވެ.
"އެބޭފުޅުން ޕާޓީ ބަދަލު ކުރެއްވުމަކީ ހައިރާންވާންވީ ކަމެއް ނޫން، ރާޖަޕަކްސާގެ ޑިމޮކަރަސީއާ ދޭތެރޭ ހިތްހަމަނުޖެހޭ ޕާޓީގެ ބޮޑުން އެބަތިބި." ނަން ހާމަ ކުރުމަށް އުޒުރުވެރިވާ ޕާލަމެންޓްގެ މެމްބަރަކު ވިދާޅުވި އެވެ.
ސިންގަޅަ މެޖޯރިޓީގެ ތާއީދު އޮންނާނެ ކަމަށް ގަބޫލުކުރައްވައި ރައީސް ރާޖަޕަކްސާ ވަނީ ބުރާސްފަތި ދުވަހު އޭނާގެ ތިން ވަނަ ރިޔާސީ އިންތިހާބު އިއުލާން ކުރައްވައިފަ އެވެ. އެކަމަކު ސެޕްޓެމްބަރު މަހު އޮތް ޕްރޮވިންސަލް އިލެކްޝަން އޭނާގެ ޕާޓީ އަށް ކާމިޔާބު ކުރެވެނީ ހަނި އަޣުލަބިއްޔަތަކުންނެވެ.
މައުލޫމާތު: ލަންކާގެ ނޫސްތައް