ޏ. ފުވައްމުލަކުގައި ރޭ ޒުވާނަކަށް ހަމަލާދީ ޒަޚަމް ކޮށްލުމާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށުގައި އޮތް މިއުޒިކް ޝޯއެއްގެ ތެރެއިން ރޭ ދަންވަރު 12:00 ޖަހާކަންހާއިރު ޒުވާނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލާފައިވާ ކަމަށާއި އަދި އޭނާ އަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެއޭގެ ދޮޅުގަޑިއިރު ފަހުން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 20 އަހަރުގެ ޒުވާނަކަށެވެ. އަދި އެ ޒުވާނާގެ ހަށިގަނޑުގެ ދެ ތަނަކަށް ވަނީ ވަޅި ހަރައިފަ އެވެ. އެގޮތުން އޭނާގެ ކޮނޑަށާއި ވާތްފަރާތުގެ މޭކަށިގަނޑުގެ ތިރި އަށް ވަނީ ވަޅި ހަރައިފަ އެވެ.