ކޮންމެ ދިވެއްސަކަށް ކީރިތި ގުރުއާނުގެ ކޮޕީއެއް ނުވަތަ މުސްހަފެއް ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގައި، މުސްހަފް ޗާޕް ކުރުމަށް ސަދަޤާތް ކުރައްވަން ބޭނުންވާ ފަރާތްތަކަށް ބޭންކް މެދުވެރިކޮށް ސަދަޤާތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"މުސްހަފް މާލްދީފް" ނުވަތަ "ކޮންމެ ދިވެހި ރައްޔިތަކަށް މުޞްހަފެއް" މަޝްރޫއަކީ ދިވެހިންނަށް ހާއްސަ މުސްހަފެއް ޗާޕްކުރުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ރާއްޖޭގެ ޖަމިއްޔާތަކާއި ބަހުރެއިންގެ ޤުރުއާން ކެއާ ސޮސައިޓީއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، "މުސްހަފް މާލްދީފް" މަޝްރޫއުގެ ދަށުން މުސްހަފް ޗާޕްކުރުމަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި މުސްހަފް ޗާޕުކުރުމަށް ސްޕޮންސާކުރައްވަން ބޭނުންވާ ފަރާތްތަކާއި އެކަމަށް އެހީތެރިކަން ވެދެއްވަން ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރާއްޖެއަށް ހާއްސަކޮށްގެން ޗާޕުކުރާ މުސްހަފު---

އެގޮތުން، "މުސްހަފު މާލްދީފީ ޕަބްލިކޭޝަން ފަންޑު"ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވިފައިވާ ހާއްސަ ފަންޑުގެ އެކައުންޓް ނަންބަރު 779909999034 އަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.

މީގެ އިތުރުން، މިނިސްޓްރީން ވަނީ ވަތަނިއްޔާ ޕްރީޕެއިޑް ބޭނުންކުރައްވާ ފަރާތްތަކުން 3#535* މެދުވެރިކޮށާއި އެ މަޝްރޫއަށް ހާއްސަކޮށް ގުރުއާނާއި ބެހޭ މަރުކަޒުގައި ބަހައްޓާފައިވާ ފަންޑު ފޮށިތަކަށް ވެސް ފައިސާ ހަދިޔާކުރެވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ފެށި އެ މަޝްރޫއުގެ ދަށުން ފުރަތަމަ ޗާޕް ކުރެވޭނީ އެއްލައްކަ މުސްހަފެވެ. މުސްހަފެއް ޗާޕުކުރުމުގެ މަސައްކަތް ބަހުރައިނުގައި ކުރިއަށްދާއިރު މުސްހަފެއް ޗާޕްކުރުމަށް ހަރަދުވާ އަގަކީ 50 ދިވެހި ރުފިޔާކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ދިވެހިންނަށް ހާއްސަ މުސްހަފެއް ޗާޕްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އަންނަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު “މުސްހަފް މާލްދީފް” ނެރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.