އުފަލާއި ހިތްހަމަޖެހުން ނުލިބޭ ޒަވާޖީހަޔާތެއް ހޭދަކުރަމުންދާ ނަމަ އަވަހަށް ހިތުގެ ޑޮކްޓަރަކަށް ދައްކާލުން ރަނގަޅެވެ.

އެމެރިކާގައި ހުންނަ މިޝިގަން ސްޓޭޓް ޔުނިވާސިޓީގެ ހޯދުންތެރިންތަކެއް ކުރި ދިރާސާއަކުން ދައްކާގޮތުގައި ދުވަސްވީ ނާކާމިޔާބު ކައިވެންޏެއްގައި އުޅޭ ދެމަފިރިންނާއި އުފަލުގައި އިނދެގެން އުޅޭ "ޖޯޑަކާ" އަޅާ ކިޔާއިރު ދުވަސްވީ ނާކާމިޔާބު ކައިވެންޏެއްގައި އުޅޭ ދެމަފިރިންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އެންމެ ބޮޑުކަމަށް ދައްކަނީ ކޮލިޓީ ދަށް ޒަވާޖީހަޔާތެއް ހޭދަކުރާ އަންހެން މީހުންނަށް ކަމަށްވެސް އެހޯދުމުން ދައްކައެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އޭޖިންގް އިން ފަންޑުކުރި އެދިރާސާ ވަނީ "ޖާނަލް އޮފް ހެލްތް އެންޑް ސޯޝަލް ބިހޭވިއާ"ގައި އާންމު ވެސްކޮށްފަ އެވެ. އަދި އެ ދިރާސާ ކުރި މައިގަނޑު ސަބަބަކީ ނާކާމިޔާބު ކައިވެންޏަކާއި ހިތުގެ ބަލިތަކާއި ހުރި ގުޅުމެއް ބެލުމަށް ކަމަށްވެ އެވެ. އަދި އުފަލާއި ހިތްހަމަޖެހުން ނުލިބޭ ކައިވެންޏެއްގައި އުޅޭ ދެމަފިރިންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާކަމުގެ ސަބަބަކީ އެފަދަ އުފަލެއް ނެތް ހަޔާތެއްގެ ސްޓްރެސް އާއި އެކު އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރުދެރަވުން ކަމަށް ވެސް އެދިރާސާގައި ބުނެފައިވެ އެވެ.

"ކައިވެނި ރޫޅިއްޖެ ނަމަ ކައުންސެލިންގް ދޭން އިސްކަންދޭނީ ގިނައިން އަލަށް ކައިވެނިކުރާ ދެމަފިރިންނަށް. އެކަމަކު މިނަތީޖާތަކުން ދައްކާގޮތުގައި ކައިވެނީގެ ކޮލިޓީ އަކީ ދުވަސްވީ ދެމަފިރިންނަށް ވެސް ވަރަށް މުހިންމު އެއްޗެއް. އަދި ހާއްސަކޮށް އިނދެގެން 40 އަހަރާއި 50 އަހަރު ވެފައިވާ ދެމަފިރިންނަށް،" މިޝިގަން ސްޓޭޓްގައި އެ ދިރާސާ ހިންގި ހޯދުންތެރިއެއް ކަމަށްވާ ހުއި ލިއު އޭނާގެ ޔުނިވާސިޓީ ވެބްސައިޓުގައި ލިޔެފައިވެ އެވެ.

ހުއި ލިއު އާއި އެކު މިޝިގަން ސްޓޭޓް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ލިންޑާ ވައިޓް ވަނީ އެދިރާސާ ކުރުމުގައި ފަސް އަހަރުން ނަގާފައިވާ މައުލޫމާތު ނުވަތަ ޑާޓާ ހިމަނާފައެވެ. އަދި އެޑާޓާއަކީ "ނެޝަނަލް ސޯޝަލް ލައިފް، ހެލްތް އެންޑް އޭޖިންގް ޕްރޮޖެކްޓް"ގައި ބައިވެރިވި 1000 އަށް ވުރެ ގިނަ ދެމަފިރިންގެ ޒަވާޖީހަޔާތާއި ބެހޭ ތަފާތު މައުލޫމާތު އެކުލެވިފައިވާ ޑާޓާ އެވެ. އޭގެއިތުރުން ޒަވާޖީހަޔާތުގެ މައުލޫމާތު ދިން މީހުންގެ މައްޗަށް އެކިއެކި ލޭގެ ޓެސްޓުތައް ކޮށް، ހިތުގެ މައްސަލައެއް ހުރޭތޯ ބަލާފައިވެ އެވެ. އެޕްރޮޖެކްޓުގައި ބައިވެރިވެފައި ވަނީ 57 އަކާއި 85 އުމުރުފުރައިގެ މީހުންނެވެ.

މައުލޫމާތު: ސީއެންއެން