ސަރުކާރުން ހިންގާ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން ހދ. ކުޅުދުއްފުށީގައި އަޅާ 168 ހައުސިން ޔުނިޓްގެ ތެރެއިން 15 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި ކައުންސިލާ ހަވާލުކޮށްފި އެވެ.

އެކަމަށް ޓަކައި އެ ރަރުގައި އިއްޔެ ބޭއްވި ރަސްމިޔާތެއްގައި އެ ޔުނިޓްތަކުގެ ތަޅުދަނޑިތައް ކައުންސިލާ ހަވާލުކޮށްދެއްވީ ހައުންސިން މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު ޖަމްޝީދެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަލީ މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެ 15 ހައުސިން ޔުނިޓް ކައުންސިލާ ހަވާލު ކުރި އިރު، ދެ ޔުނިޓެއްގައި ދެ އާއިލާއަކުން ދިރިއުޅެމުން އަންނަ ކަމަށެވެ. އަދި ބާކީ ހުރި 13 ޔުނިޓް ބަޔަކާ ހަވާލުކުރަންދެން އެތަންތަން ކައުންސިލުން ބަލަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ނުނިމި ހުރި ހައުސިން ޔުނިޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލަފައިވާ ކަމަށާއި އޭގެ ތެރޭގައި އެ 13 ތަން ވެސް ހިމެނޭ ކަމަށެވެ. އަދި ޝަކުވާއެއް އޮތް ފަރާތަކުން އެ ޝަކުވާއެއް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"އަޅުގަނޑުމެން ވަރަށް ސިސްޓަމެޓިކްކޮށް ރޭވުންތެރިކަމާ އެކު މިކަން ކުރިއަށް މިގެންދަނީ. ހައުސިން ޔުނިޓްތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ މެދުގައި ޕޮއިންޓް ވެސްދޭ އުސޫލުން މިކަން ކުރިއަށް މިގެންދަނީ. ދެން މިނިސްޓްރީން ވެސް އަދި ކައުންސިލުން ވެސް މިބަލަނީ ބާކީ ހުރި ހައުސިން ޔުނިޓްތައް އަންނަ އަހަރުގެ މާޗް މަހު ހަވާލުކުރެވޭ ވަރުވާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް ކައިރީގައި އަޅާފައިވާ އެ ހައުސިން ޔުނިޓްތައް އިމާރާތްކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ނެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ އެ ހައުސިން ޔުނިޓްތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކުޅުދުއްފުށީގައި އެޅުމަށް ނިންމި 168 ހައުސިން ޔުނިޓްގެ ތެރެއިން މިހާތަނަށް ނިމުނު 15 ޔުނިޓް ކަމަށެވެ.

އަލީ ވިދާޅުވީ މި ސަރުކާރުން ވެސް ކުޅުދުއްފުށީގައި 65 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށާއި އެ ތަަން އެޅުމަށް މިހާރު ބިން ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ތަނުގެ މަސައްކަތް ވެސް ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.