22 Nov 2014, 11:00
ބާސާގައި މެސީގެ ކުރިމަގާ ދޭތެރޭ ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި އޭނާ ރިއަލް މެޑްރިޑަށް ގެނެވުމަށް އެ ޓީމްގެ ކޯޗް ކާލޯ އެންޗެލޮޓީ ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އިޓަލީ އަށް ނިސްބަތްވާ އެންޗެލޮޓީ ބުނެފައި ވަނީ މި ސީޒަނަށް ފަހު މެސީ ބާސާ ދޫކޮށްލަން ގަސްދުކޮށްފި ނަމަ ރިއަލް މެޑްރިޑުން އޭނާ އަށް ޖާގަ ހުޅުވިފައި އޮތް ކަމަށާއި، އެ ޓީމަށް މެސީގެ ބޭނުން ރަނގަޅަށް ހިފޭން ކަމަށެވެ.
"މެސީއަކީ މެޑްރިޑަށް އަގުހުރި ކުޅުންތެރިއަކަށް ވެގެން ދާނެ. ކޮންމެ ޓީމަކުން ވެސް ރަނގަޅު ކުޅުންތެރިންނަށް އަބަދުވެސް ޖާގަ އޮންނާނެ،" ހުކުރު ދުވަހު ދިން ޕްރެސް ކޮންފަރެންސެއްގައި އޭނާ ބުންޏެވެ.
ބާސާގައި މެސީގެ ކުރިމަގާ މެދު ސުވާލުތަކެއް އުފެދިފައިވަނީ މިދިޔަ އަންގާރަ ދުވަހު އޭނާ ދިން އިންޓަވިއުއެއްގައި ބާސާގައި އޭނާ ހުންނަން ބޭނުންވި ކަމަށް ވިއަސް ކަންކަން އަބަދު ހިންގާނީ ތިމާ ބޭނުންވާ ގޮތަށް ނޫން ކަމަށް ބުނުމުންނެވެ. އޭނާ ބުނިގޮތުގައި ފުޓްބޯޅައަކީ ވަރަށް ގިނަ ބަދަލުތަކެއް ފެނިގެންދާ ކުޅިވަރެއް ކަމަށާއި ބާސާ އަށް މިދުވަސްކޮޅު ކުރިމަތިލާން ޖެހިފައި ވަނީ ވަރަށް ދަތި ދުވަސްކޮޅަކާ ކަމަށެވެ.
ރިއަލް މެޑްރިޑުން ބާސާ އަށް ގިނަ ފުޓްބޯޅަ ތަރިންތަކެއް ޓްރާންސްފާ ވެފައިވާ އިރު، މެސީ ރިއަލް އަށް ބަދަލުވެއްޖެ ނަމަ އޭނާ ކުޅޭނީ ފުޓްބޯޅައިގެ ދުނިޔޭގައި އޭނާއާ އެންމެ ގާތުން ވާދަ ކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެއް ޓީމަކަށެވެ. މި ދެ ކުޅުންތެރިންނަކީ ދެ ހަތުރުވެރިން ކަމުގައި ނުވިއަސް މި ދެ ކުޅުންތެރިންގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ވާހަކައަކީ ޔޫރަޕްގެ ކުޅިވަރުގެ ނޫސްވެރިކަމުގައި ގިނަ ސުރުހީތަކެއްގައި ފަވާލެވިފައިވާ ވާހަކައެކެވެ.
މި ދެކުޅުންތެރިންގެ އެންމެ ފަހުގެ ވާދަވެރިކަމަކަށް ފީފާ ބެލެންޑޯ އެވޯޑް ވެފައިވާ އިރު، ގިނަ ބަޔަކު ދެކެނީ މިފަހަރުގެ ބެލެންޑޯ ހައްގުވަނީ ރޮނާލްޑޯއަށް ކަމަށެވެ. މި ދެ ކުޅުންތެރިންގެ މެދުގައި ބެލޮންޑޯ މުޅިއަކު ހަ ފަހަރު ކާމިޔާބު ކޮށްފައިވާ އިރު، ރިއަލްގެ ކޯޗް އެންޗެލޮޓީވެސް މި އެވޯޑަށް ތާއީދުކުރަނީ ރޮނާލްޑޯއަށެވެ.
"ޗެންޕިއަންސް ލީގުގައި ރޮނާލްޑޯ 17 ލަނޑު ކާމިޔާބު ކުރިކަން ގިނަ މީހުން ހަނދާނެއް ނެއް. އަންނަ އަހަރުގެ ބެލެންޑޯއާ މެދު ވާނެގޮތް ނޭންގުނަސް މިފަހަރުގެ ބެލެންޑޯ އެއީ ރޮނާލްޑޯގެ ހައްގެއް،" އެންޗެލޮޓީ ބުންޏެވެ.