22 Nov 2014, 10:26
މަސްވެރިންނަށް ބޭނުންވާ ތަފާތު ހިދުމަތްތައް ލިބޭނެ މެރީނާއެއް އަންނަ މަހު ފެލިވަރުގައި ހުޅުވާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިކްފޯ) އިން ބުނެފި އެވެ
މިފްކޯގެ ފިޝް ޕްރޮކިއުމެންޓް އެންޑް ލޮޖިސްޓިކްގެ މެނޭޖަރު އަންވަރު ސާދާތު "ސަން" އަށް ވިދާޅުވީ، މިފްކޯގައި ގާއިމްކުރާ އެ މެރީނާއަކީ ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް މެރީނާތައް ގާއިމްކޮށްދޭނެ ކަމަށްވި ވައުދުގެ ދަށުން ގާއިމްކުރާ ފުރަތަމަ މެރީނާ ކަމަށެވެ.
އޭނާ ވިދާޅުވީ، މަސްވެރިންނަށް ގިނަ ހިދުމަތްތަކެއް ލިބޭނެ އެ މެރީނާ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައި ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
"މިފްކޯގައި ގާއިމްކުރާ މަސްވެރިންގެ މެރީނާއިން މަސްވެރިކަމަށް ބޭނުންވާ ސާމާނު ލިބޭނެ ފިހާރައަކާ ނިދާލަން ބޭނުންވާ މަސްވެރިންނަށް އެކޮމޮޑޭޝަން ބްލޮކްއަކާ މަސްވެރިންނަށް އެކިކަހަލަ ކުޅިވަރު ކުޅެވޭނެ އެކްޓިވިޓީ ސެންޓަރެއްގެ އިތުރުން ކެފޭ އެއް ގާއިމްވެފައި ހުންނާނެ،" އަންވަރު ވިދާޅުވި އެވެ.
މި ސަރުކާރުގެ މަސްވެރިންގެ މެނިފެސްޓޯގައި މަސްވެރިންގެ މެރީނާތައް ގާއިމް ކުރުމަށްވެފައިވާ ވައުދުގެ ދަށުން އުތުރާއި ދެކުނުގައި ހަތަރު މަސްވެރިންގެ މެރީނާއެއް ގާއިމްކުރަން ކަނޑައަޅާފައިވެ އެވެ.
މިފްކޯ އިން ބުނީ، އެ މެނިފެސްޓޯގެ ގާއިމްކުރާ ދެ ވަނަ މެރީނާގެ މަސައްކަތް ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ގާއިމްކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި އެ މެރީނާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ހުޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.