29 Jan 2011, 15:47
ދުނިޔޭގެ މުހިންމު ނިންމުންތަކުގައި ރާއްޖޭގެ އަދާކުރަމުންދާ ދައުރަށް އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް ސްޓެއިންބާގް ތައުރީފު ކުރައްވައިފި އެވެ.
ޖޭމްސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ގައުމީ ކުތުބުހާނާގެ އެމެރިކަން ސެންޓަރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުން ގައުމުތައް ސަލާމަތް ކުރުމުގަ އާއި އިންސާނީ ހައްގުތަށް ހިމާޔަތް ކުރުމަށް ދިވެހިރާއްޖެ ކުރަމުން ދަނީ ވަރަށްވެސް މުހިންމު މަސައްކަތްތަކެއް ކަމަށާއި ރާއްޖެ ފަދަ ކުޑަ ގައުމަކުން އަދާކުރަމުން އަންނަ ރޯލަށް ތައުރީފު ހައްގު ކަމަށެވެ.
"ރާއްޖެ ފަދަ ކުޑަ ގައުމަކުން ބައިނަލް އަގުވާމީ މުޖުތަމައުގައި އުފުލަމުން މިދާ ބުރައަކީ ތައުރީފު ކުރުން ހައްގުކަމެއް. އެގޮތުން ކޯޕަން ހޭގަންގައި ރާއްޖެއިން ކުޅުނު މުހިންމު ދައުރު އަޅުގަނޑު ފާހަގަކުރަން. އަދި މީގެ އިތުރުން އިންސާނީ ހައްގުތައް ކުރިއަރުވައި އަޑު އުފުލުމުގައިވެސް ރާއްޖެ ފާހަގަ ކޮށްލެވޭ. ރާއްޖެ އާއެކު މަސައްކަތް ކުރުމަކީ އަހަރުމެންނަށް ލިބޭ ފަހުރެއް،" ޖޭމްސް ވިދާޅުވި އެވެ.
ރާއްޖެއަށް ކުރަމުން މިދާ ޒިޔާރަތުގައި ސަރުކާރުގެ އިސްވެރިންނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ޖޭމްސް ވިދާޅުވީ އެ ބައްދަލުވުންތަކުގައި އެންމެ ބޮޑަށް މަޝްވަރާކުރީ އިގްތިސޯދީގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ރާއްޖޭގެ ސަލާމަތްތެރިކަމަށް އެޅިފައިވާ ހުރަސްތަކާއި ބެހޭ ގޮތުން ކަމަށެވެ. އެގޮތުން ހިއުމަން ޓުރެފިކިންގެ މައްސަލައާއި ޓެރަރިޒަމްގެ ބިރުވެރިކަން ހައްލުކުރުމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އެ މަޝްވަރާތަކާއި ގުޅޭ ތަފްސީލްތައް ދެއްވުމަށް އޭނާ ދެކޮޅު ހެއްދެވި އެވެ.
"ވަރަށް ގިނަ ފަރާތްތަކާއި އެކު މަޝްވަރާކުރެވުނު. އެހުރިހާ މަޝްވަރާތަކުން ވެސް އެނގިގެން ދިޔައީ ޑިމޮކްރަސީ ކުރިއެރުވުމާއި އެހެނިހެން ކަންކަމުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް. އަދި ރާއްޖެއަށް އެހީވެވޭނެ ދާއިރާތަށްވެސް އެނގިގެން ހިގައްޖެ،" ޖޭމްސް ވިދާޅުވި އެވެ.
ނޫސްވެރިންނަށް ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގެ ތެރޭގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޖޭމްސް ވިދާޅުވީ މަދަނީ ޖަމްއިއްޔާތަކުގެ ދައުރު މިހާރަށް ވުރެ ބޮޑަށް ރަނގަޅުކުރަން ޖެހިފައި ވާކަމަށާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަށް ކުރިއެރުވުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.
މިއަދުގެ އެ ނިއުސްކޮންފަރެންސްގައި ޖޭމްސް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހަދަށް ކުރިމަތިވެފައިވާ ކަނޑުފޭރޭ މީހުންގެ ދުއްތުރާ ތަކާއި މެދު ކަންބޮޑުވެ ވަޑައިގަންނަވައި ކަމަށާއި އެކަމުގައި ރާއްޖެއަށް ވެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ.