22 Nov 2014, 10:04
ހއ. ހޯރަފުއްޓަށް ރޭ ކުރި ވިއްސާރައިގައި ހަތަރު ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ހއ. ހޯރަފުށީގައި ހުންނެވި ސަރުކާރުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ރޭ 11:00 އިން އެ ރަށަށް "ވަރަށް ބޯކޮށް" ވާރޭ ވެހުނު ކަމަށާއި ހުއްޓާލާފައި ވަނީ މިއަދު ހެނދުނު 6:00 އެހާކަންހާއިރު ކަމަށެވެ. އެ ވިއްސާރާގައި އެރަށު ދެކުނު އަވަށު އާމަގު ސަރަހައްދުގައި ހުރި ހަތަރު ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ބުންޏެވެ.
"ހަތަރު ގެއަކަށް ވަނީ ވަރަށް ބޮޑަށް ފެންވަދެފައި، އެގޭގޭ ހުރިހާ ކޮޓަރިތަކަށް ވެސް ވަނީ ފެންވަދެފައި. އެކަމުގެ ސަބަބުން ގޭގޭގައި ގެންގުޅޭ ފަރުނީޗަރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި،" ހޯރަފުށިން ސަން އަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.
އެ ހަތަރު ގެއަށް މާލީ ގޮތުން ވި ގެއްލުން އަދި ސާފުވެފައިނުވާ އިރު އެގޭގޭގައި އަދިވެސް ކައްކައި ނޫޅެވޭ އިރު އެގޭގޭ ފާހާނާތަކުން ފެންބޭރުވެފައިވާ ކަމަށް އެރަށުގައި ހުރި އޮފިޝަލް ވިދާޅުވި އެވެ.
ދާދިފަހުން ނަރުދަމާ އެޅުމުގެ މަސައްކަތް ފަށާފައިވާ ހޯރަފުށީގެ މަގުތަކުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ.
ހޯރަފުށީ ހަތަރު ގެއެއްގައި ފެން ބޮޑުވެފައިވާއިރު 2012 ވަނަ އަހަރު ނޮވެމްބަރު ރާއްޖެއަށް ކުރި ވިއްސާރާގައި ހޯރަފުއްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެފަހަރު އެރަށް ކުލޮރިން ކުރަންވެސް ޖެހުނެވެ.