22 Nov 2014, 09:52
ޖިއްދާ (ނޮވެމްބަރު 22): އަފްޣާނިސްތާނުގައި ވަރަށް ބޮޑު އިސްލާމީ މަރުކަޒެއް ބިނާކޮށްދިނުމުގެ އެއްބަސްވުމެއްގައި ސައޫދީ ސަރުކާރާއި އަފްޣާން ސަރުކާރުން ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޖިއްދާގައި ބޭއްވި ރަސްމިއްޔާތެއްގައި ދެގައުމުގެ މަސްއޫލުވެރިން ކަަމަށް އަފްޣާން ސަރުކާރުން ބުނެ އެވެ. މިއެއްބަސްވުމުގެ ދަށުން 100 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އިސްމާލީ މަރުކަޒެއް ދެއަހަރު ތެރޭގައި ސައޫދީ ސަރުކާރުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބިނާކޮށްދޭނެ އެވެ. މި އިސްލާމީ މަރުކަޒުގައި އެއްފަހަރާ 15 ހާސް މީހުންނަށް ނަމާދު ކުރެވޭވަރުގެ ބޮޑު މިސްކިތަކާއި އިސްލާމިކް ޔުނިވަރސިޓީއަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމްކޮށްފައިވާ ބައިތައް ހިމެނޭނެ އެވެ. މީގެ ތެރޭގައި އޮފީސް ބައިތަކާއި ޕްރޮފެސަރުން ތިބޭ އެކޮމަޑޭޝަން ބައިތަކާއި ކިޔވައިދޭ ކްލާސް ރޫމްތަކާއި ރަސްމިއްޔާތުތައް ބާއްވާ ބޮޑު މާލަމެއް ވެސް ހިމެނެ އެވެ.
އަފްޣާނިސްތާނުގެ އިސްލާމިކް މިނިސްޓަރު ޟިޔާއުލްހައްގު ވިދާޅުވީ މި މަރުކަޒު ބިނާކުރުމުގެ މަސައްކަތް އަންނަ ޖަނަވަރީ މަހު ފަށާނެ ކަމަށާ ދެއަހަރު ތެރޭގައި ހުރިހާ މަސައްކަތްތަކެއް ނިމި ފަރުނީޗަރާއި އެނޫންވެސް އެތަނަށް ބޭނުންވާ ހުރިހާ ބާވަތެއްގެ އިލެކްޓްރޯނިކްސް ވަސީލަތްތައް ގާއިމް ކުރެވިގެންދާނެ ކަމުގަ އެވެ. މި މަރުކަޒުގައި ޔުނިވަރސިޓީ ފެންވަރަށް ކިޔަވައިދޭނީ އަރަބި ބަހާއި އިސްލާމް ދީނުގެ އިލްމާއި ގުރުއާނުގެ އިލްމް ކަމަށްވެސް އަފްޣާނިސްތާނުގެ އިސްލާމިކް މިނިސްޓަރު ޟިޔާއުލްހައްގު ވިދާޅުވި އެވެ. ސައޫދީ ސަރުކާރުން ވަނީ މިބާވަތުގެ ބޮޑު މިސްކިތެއް ޕާކިސްތާނުގައި ވެސް ބިނާކޮށްދީފަ އެވެ. އެމިސްކިތުގެ ނަމަކީ މަސްޖިދު ފައިސަލް އެވެ. (ބީބީސީ)