ބަޣްދާދު (ނޮވެމްބަރު 22): ޢިރާގުގެ ބޮޑު ބައެއް ހިފައިގެންްއުޅޭ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުން އިރާގު ސިފައިންގެ އެތަށް ބަޔަކު އަސީރު ކޮށްފި ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުން އައިއެސްއިން އެގައުމުގެ ސިފައިންގެ 180 މީހުން އަސީރުކޮށްފައި ވަނީ އެގައުމުގެ ދެކުނުގެ އަލްއަންބާރު ސަރަހައްދުގެ ރަށެެއް ކަމަށްވާ އައްރަމާދީ އައިއެސްގެ ކިބައިން މިނިވަންކުރުމަށް ކުރި ހަނގުރާމައިގަ އެވެ. ނަމަވެސް އިރާގު ސަރުކާރުން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އައިއެސް އަކީ އެޖަމާއަތުގެ އަތްދަށުގައިވާ އަސީރުން މަރަމުން ގެންދާ ޖަމާއަތެކެވެ. އަސީރުންނާއި ވަގަަށް ނަގާމީހުން މެރުމަށް އައިއެސް އިން ބޭނުންކުރާ ވަސީލަތަކީ އާންމުންނަށް ފެންނަ ގޮތަށް ކަތިލައިގެން މެރުމެވެ. އެހެންކަމުން މި 180 މީހުންގެ ފުރާނަ ސަލާމަތްވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށް ރިޕޯޓްތައް ބުނެ އެވެ.

އައިއެސްގެ އަތްދަށުގައި އިރާގު ސިފައިންގެ ބަޔަކު އަސީރުވި ނަމަވެސް އިރާގު ސިފައިން ވަނީ އެޖަމާއަތުގެ މައްޗަށް ބޮޑެތި ނަސްރުތަކެއް މިފަހަކަށް އައިސް ހޯދާފަ އެވެ. މިގޮތުން އިރާގުގެ ހުޅަނގާއި އުތުރުގައި ވާ ތެލުގެ ބައެއް މަރުކަޒުތައް ހުރި ސަރަހައްދުތައް އިރާގު ސިފައިން ވަނީ އައިއެސްގެ އަތްދަށުން މިނިވަންކޮށްފަ އެވެ. ވަގަށް ތެޔޮ ބޭރުކޮށްގެން އައިއެސް އިން ހޯދާ އާމްދަނީ މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ދަށަށްދާނެ ކަމަށް އިރާގު ސަރުކާރުން ބުނެ އެވެ.
އަނެއްކޮޅުން ރަމާދީގައި އިރާގު ސިފައިންނާއި އައިއެސްގެ ހަނގުރާމަވެރިންނާ ދެމެދު އިއްޔެ ހނގި ހަނގުރާމައިގާ އައިއެސްގެ އަށް މީހުންނާއި އިރާގު ސިފައިންގެ 20 މީހުން ވަނީ މަރުވެފަ އެވެ. (އަލްޖަޒީރާ)