22 Nov 2014, 03:07
މިރޭ ދަންވަރު މާލޭގައި ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
އޭޑީކޭ ފުރަގަހު ގޯޅި، ތަނޑިރަތްމާ ގޯޅީގައި މިރޭ މެންދަމު އެކެއް ޖަހަން އުޅެނިކޮށް ހިންގި މާރާމާރީގައި ޒަހަމްވި ބިދޭސީ މީހާއަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ފުލުހުން ބުނީ އެ ބިދޭސީ މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ބިދޭސީ މީހާއަށް ހަމަލާދިން ތަނޑިރަތްމާ ގޯޅި ތެރެއިން ލޭ ހޭކިފައި ހުރި ވަޅިއެއް ވަނީ ފެނިފަ އެވެ. އެ ވަޅި ފުލުހުން ވަނީ ގެންގޮސްފަ އެވެ.
ބިދޭސީ މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާއަކީ ތަފާތު އެކި ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ ތަފާތު އެކި މައްސަލަތަކުގެ ތުހުމަތުގައި 15 ފަހަރު އޭނާ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ދެ މައްސަލައެއް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުން އޭނާއަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މަސްވުވާތަކެތީގެ މައްސަލަތަކާއި ފޭރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.