22 Nov 2014, 00:25
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ އަންޑާ ސެކެޓްރީގެ މަގާމުގައި ހުންނެވި ހ. ވަޅުފެހި، ހިންނާ ހާލިދު (ހިންނަ) ހަ މަސް ދުވަހަށް ގޭ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
'
ހިންނާގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ހުކުމްކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އިތުރު ގަޑީގެ ފައިސާ ހޯއްދަވަން މަސައްކަތް ކުރައްވާފައިވާ މައްސަލާގަ އެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައި ވަނީ މާލޭ މުނިސިޕަލްޓީގެ ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުރެ 2010 ވަނަ އަހަރުގެ ޖުލައި މަހުގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮއްވައި، މާލޭ މުނިސިޕަލްޓީގެ އިތުރު ގަޑީގެ ހާޒިރީ ފޮތް އައިޖީއެމްއެޗަށް ގެންގޮސް، 2009 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2010 ވަނަ އަހަަރުގެ ޖުލައި މަހުގެ ދުވަސްތަކެއްގައި އިތުރުގަޑީގައި މަސައްކަތްކޮށްފައިވާ ކަމަށް ލިޔެ މަގާމުގެ ނުފޫޒު ހޯދަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
އެ މައްސަލަ ހިންނާ ހައިކޯޓުގައި އިސްތިއުނާފް ކުރެއްވުމުން، ހައިކޯޓުން އިއްޔެ ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ދަށު ކޯޓުން ހިންނަގެ މައްޗަށް ހުކުމްކޮށްފައި ވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން އެ މައްސަލަ ބެއްލެވި އެއްވެސް ފަނޑިޔާރަކަށް ނުފެންނަ ކަަމަށެވެ. އަދި އެ ހުކުމަށް ބަދަލު ގެނައުމަށް ވެސް ފަނޑިޔާރުން އިއްތިފާގުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ ހިންނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް އޭނާ އިންކާރުކޮށްފައިވާ ކަމަށާއި އަދި އެ މައްސަލާގެ ތަހުގީގުގައި ވެސް އެކަމަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ. އަދި ހީންނާ ހާޒިރީގައި ކުރިން ސޮއިނުކޮށް ހުރި ދުވަސްތަކެއްގައި އެއް ފަހަރާ ނުވަތަ އެކި ފަހަރު މަތިން، ކުރު މުއްދަތެއްގެ ތެރޭގައި ފާއިތުވެ ގޮސްފައިވާ މަސްްތަކެއްގައި ސޮއިކުރުމަށް ކަނޑައަޅާފައިވާ ބައިގައި ސޮއިކުރި ކަމަށް ކޯޓުގައި ބުނެފައިވާ ކަމަށާއި އެކަން އޭނާ ކުރީ އޮފީހުގެ އެންމެ އިސްވެރިޔާ ހިންނަ ކުރާ މަސައްކަތް ބަލައި ނުގަތުމާއި ހަޅޭއްލަވައި ހަދާފައި ވާތީ، އިތުރު ގަޑީގައި ވެސް ކުރި މަސައްކަތް ފެންނަން ގޮތަށް ބެހެއްޓުމަށް ކަމަށް އޭނާ ބުނާ ކަމަށް ވެސް ހުކުމްގައިވެ އެވެ. ނަމަވެސް އޭގެ ފަހުން އެެއްވެސް ވަަރަކަށް އެ ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް އޭނާ ބުނާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
"ހިންނާ ހާލިދު މަސައްކަތްކޮށްފައި ވަނީ ފަހުގެ ތާރީހެއްގައި ވޭތުވެދިޔަ ދުވަސްތަކުގައި މަސައްކަތް ކުރި ކަން ދެއްކުމަށް ކަމަށާއި އަދި އުޖޫރަނުދީ އޮތް ކަން ލިޔެކިޔުންތަކުން ދައްކުވައިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ހުށަހަޅައިގެން އެ މަސައްކަތުގެ އިތުރުގަޑީގެ އުޖޫރަ ހޯދުމަށް ކަމަށް ދައުލަތުން ބުނުން ފިޔަވައި އެކަމުގެ އެއްވެސް ހެއްކެއް ގަރީނާއެއް އަދި އެކަމުގެ މައްޗަށް ދަލާލަތުގެ ކުރެވޭ އެއްވެސް ކަމެއް ދެއްކިފައެއް ނުވޭ،" އެ ހުކުމްގައިވެ އެވެ.