ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ "މައިލޯ" ގައުމީ ބެޑްމިންޓަން މުބާރާތާއި، ހަތް ވަނަ ބެޑްމިންޓަން އަތޮޅު ލީގު ފަށައިފި އެވެ.

މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި މުބާރާތުގައި ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޓީމު އިވެންޓްތަކެވެ. މި މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސް ކުޅެން ހަމަޖެހިފައި ވަނީ މާލޭ ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގަ އެވެ.

މިފަހަރުގެ އަތޮޅު ލީގުގައި މުޅިއަކު 12 ޓީމަކުން ބައިވެރިވެފައިވާއިރު، އަތޮޅު ލީގް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގްރޫޕް އުސޫލުން، ޓީމްތައް ހަތަރު ގްރޫޕަކަށް ބަހާލައިގެނެވެ.

ލީގުގެ ގްރޫޕް އެކެއްގައި ހިމެނެނީ ފ. ނިލަންދޫ ކައުންސިލް (އެފްއެންސީ) އާއި ހދ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ (އެޗްޒެޑްޖޭ) އަދި މ. ބީޑީސީ އެވެ. އަދި ލީގުގެ ދެވަނަ ގްރޫޕްގައި މަރަދޫ އައްޑު ސިޓީ (އެމްއޭސީ)، ފ. އަތޮޅު ކައުންސިލް (އެފްއޭސީ) އަދި ބ. އޭދަފުށި ބީޑީސީ ހިމެނޭއިރު، ގްރޫޕް ތިނެއްގައި ހިމެނެނީ އއ. ތޮއްޑޫ ބެޑްމިންޓަން ޓީމް (ޓީބީޓީ) އާއި ބީޑީސީ އަދި ހަވަރު ސްޕޯޓްސް އެވެ. ލީގުގެ ހަތަރުވަނަ ގްރޫޕްގައި ހިމެނިފައި ވަނީ ތޮއްޑޫ ޒުވާނުންގެ ޓީމް (ޓީޒެޑްޓީ) އާއި ހޮރައިޒަން އެކެޑެމީ (އެޗްއޭ) އަދި ހޮޅުދޫ ބީޑީސީ އެވެ.

ގައުމީ މުބާރާތުގެ ޓީމް އިވެންޓުގައި އެއްވަނަ ޑިވިޝަނުން މިފަހަރު ބައިވެރި ވެފައި ވަނީ ދެ ޓީމެވެ. އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްރެން (އޭއާރްސީ) އާއި ޕޮލިސް ކްލަބް ބައިވެރިވެފައިވާ މި އިވެންޓުގެ ހަމައެކަނި މެޗު ކުޅެން ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު ހަވީރު އެވެ.

ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަން ޓީމް އިވެންޓުގައި މުޅިއަކު ތިން ޓީމެއް ބައިވެރިވެފައި ވެއެވެ. ކްލަބް ސްޓެޓިކް އާއި ޔުނީކް ސްޕޯޓްސް ކްލަބް އަދި އޮފް އެފްސީ ބައިވެރިވެފައި ވާ މި އިވެންޓުގެ މެޗުތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހާ ހަމައަށެވެ.

މި މުބާރާތުގެ ޓީމް އިވެންޓުތަކަށްފަހު، އެއްވަނަ ޑިވިޝަން އާއި ދެވަނަ ޑިވިޝަން އަދި އަތޮޅު މުބާރާތުގެ ދެ ޖިންސުގެ ސިންގަލްސް އިވެންޓުތަކާއި ދެ ޖިންސުގެ ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުތައް ވަނީ މިމަހުގެ 26 ވަނަ ދުވަހު ފަށަން ހަމަޖެހިފައެވެ.