29 Jan 2011, 15:31
ސަލްޓަން ޕާކްގައި މިއަދު ވަޅި ހެރި ހާދިސާގައި ގއ. މާމެންދޫ، އާބާދުގޭ އަބްދުﷲ ޖަލާލު، 21،ގެ ހަށިގަނޑުގެ ހަތަރު ތަނަކަށް ވަޅި ހެރުމުގެ ސަބަބުން އޭނާގެ ފުއްޕާމެ އާއި ސިކުނޑިއާ ގުޅިފައިވާ ނާރެއް ބުރިވެ ސީރިއަސް ހާލަތުގައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ހަވާލާދީ ޖަލާލުގެ އެއްބަފާ ބޭބެއަކު މިއަދު ބުނީ ކޮއްކޮގެ ހަށިގަނޑުގެ ހަތަރު ތަނަކަށް ވަޅި ހަރާފައިވާ ކަމަށާއި ކަރާއި މޭ، އަދި އަތަށާއި ފަޔަށް ވަޅި ހެރުމުގެ ސަބަބުން ފުން ޒަހަމްތައް ޖަލާލަށް ލިބިފައިވާ ކަމަށެވެ.
~
މީގެ އިތުރުން އޭނާ ބުނީ ކޮއްކޮގެ ފުއްޕާމެއާ ދިމާލުން މެޔަށް ވަޅި ހެރުމުގެ ސަބަބުން ނޭވާލާ ކޮންމެ ފަހަރަކު، މޭމަތިން ބޮކި ޖަހާފައި ލޭތައް އަންނަ ކަމަށެވެ. ކަރަށް ވަޅިހެރުމުގެ ސަބަބުން ސިކުނޑިއާ ގުޅިފައިވާ ލޭ ނާރެއް ބުރިވެފައިވާއިރު އެތަނުން ވެސް މަނާ ނުވެ ލޭ އަންނަ ކަމަށް ޑޮކްޓަރުންނަށް ހަވާލާދީ ޖަލާލުގެ ބޭބެ ބުންޏެވެ.
"ކަރަށް ވަޅިހެރުމުން ސިކުނޑިއާ ގުޅިފައި އިން ލޭ ނާރެއް ފަޅައިގެން ގޮސް ލޭ އަންނަ ކަމަށް (ޑޮކްޓަރުން) ވިދާޅުވީ. ފުއްޕާމެއަށް ވެސް ވަޅި ހެރި. އަދި އޭނާ ނޭވާލާ ކޮންމެ ފަހަރަކު އެތަނުން ބޮކި ޖަހާފައި ލޭއަންނަ ކަމަށްވޭ،" ޖަލާލުގެ ބޭބެ ބުންޏެވެ.
މިއަދު މެންދުރު ފަހު ގާތްގަނޑަކަށް 3:00 ޖަހާއެހާކަންހާއިރު ސަލްޓަން ޕާކުގައި މާރާމާރީން ހިންގާ ޖަލާލު ގަޔަށް ވަޅި ހެރިއިރު އޭނާއާއެކުގައި ހުރި އެހެން މީހެއްގެ ބުރަކައްޓަށް ވެސް ވަނީ ވަޅި ޖަހައިފައެވެ. ނަމަވެސް އެއީ ކާކު ކަމެއް މިހާތަނަކަށް އަދި ސާފެއް ނުވެ އެވެ. އޭނާ އަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ ވެސް ޒުވާން ކުއްޖެއް ކަމަށާއި އޭނާގެ ނަމާއި އެޑްރެސް ހާމަ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް ވިދާޅުވީ އޭނާ މިހާރުއޮތީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށެވެ. އޭނާގެ ހާލަތާމެދު އެއްޗެއް ދަންނަވަން އެނގޭނީ އޮޕަރޭޝަނަށް ފަހުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ސަލްޓަލްޕާކުގައި މިއަދު ހިންގި މާރާމާރީގެ، މަންޒަރު ދުއް، އަދި ދެ ޒުވާނުން ހޮސްޕިޓަލަށް ގެންދިޔަ މީހާ ސަން އަށް މައުލޫމާތު ދިން ގޮތުގައި ދެ ޒުވާނުންގެ ގަޔަށް ވަޅި ހަރާފައިވަނީ ލިލީމަގުން ސައިކަލުގައި ވަދެގެން އައި ބަޔަކު އެ ސަރަހައްދުގައި ސައިކަލް ޕާކް ކުރުމަށް ފަހު ސަލްޓަންޕާކު ތެރެއަށް ވަދެ ކަމަށެވެ.
"އެދެ މީހުންގެ ގަޔަށް ވަޅި ހަރާލުމަށް ފަހު އެމީހުން ދުވެފައި ގޮސް ސައިކަލްގައި ފިލީ، އަޅުގަނޑަށް ފުރަތަމަ އަޑު އިވުނީ އައްދޯއްޔޭ ގޮވާ އަޑު،! އަޅުގަނޑު އެތަނަށް ދިޔައިރު ސްޕްރޭކުރާހެން އެކެއްގެ ކަރުން ލޭތައް ސްޕްރޭވަމުންދޭ، އަޅުގަނޑު އެދެމީހުން ޕިކަޕަކަށް ލައިގެން ހޮސްޕިޓަލަށް ގެންދިޔައީ،" އޭނާ ބުންޏެވެ. މަންޒަރު ދުއް މީހާ ވަނީ ހާދިސާގެ މަންޒަރު ފޮޓޯ ނެގުމަށް ފަހު ސަންއާ ފޮޓޯވެސް ހިއްސާކޮށްފަ އެވެ.
ފުލުހުން ބުނީ ސަލްޓަންޕާކް މާރާމާރީ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ސަލްޓަންޕާކްގެ ވަށައި ޖަހާފައިވާ ނަރުދާތައް 2008 ވަނަ އަހަރު ކޮށައިލުމުން ރޭގަނޑާއި ދުވާލުވެސް އެ ޕާކްގެ ތެރޭގައި މީހުން ވަދެ އުޅެ އެވެ. އަދި ދޭތެރެ ދޭތެރެއިން މަސްތުވާތެކެތީގެ ހާދިސާތަކާއި ބަދު އަހުލާގީ އަމަލުތަކާއި މާރާމާރީގެ ހާދިސާތައް އެތާނގެ ތެރެއިން އާދެ އެވެ.
----
- ވަޅި ހަރައިގެން އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ ގއ. މާމެންދޫ އަބާދުގޭ އަބްދުﷲ ޖަލާލް ،21 އެވެ. އޭނާ މާލޭގައި ދިރިއުޅެނީ ހ. ބައިކަނޑިގޭގެގަ އެވެ. އޭނާގެ ކަރަށާއި މެއަށް ލިބިފައިވާ ފުން ޒަހަމްތަކަށް ފަރުވާ ދިނުމަށްޓަކައި އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗްގެ އޮފިޝަލަކު ދެންމެ ވަނީ ވިދާޅުވެފަ އެވެ.
ސަލްޓަން ޕާކުގައި ހިންގި މާރާމާރީއެއްގެ އެކެއްގެ ކަރަށް އަދި އަނެއްކެއްގެ ބުރަކަށްޓަށް ވަޅިހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
މަންޒަރުދުށް މީހަކު ސަންއަށް ކިޔަދިން ގޮތުގައި އެ ދެ މީހުންނަށް ވަޅިން ހަމަލާދިނީ ސަލްޓަން ޕާކު ކައިރިން، ލިލީ މަގުން ސައިލަކެއްގައި އައި ދެ މީހުން ކަމަށާއި އެ ދެ މީހުންނަށް ވަޅިން ހަމަލާދިނުމަށް ފަހު ފިލާފައިވާ ކަމަށެވެ.
އަދި އެތަނުން އެކެއްގެ ކަރަށް އަދި އަނެއްކެއްގެ ބުރަކަށްޓަށް ވަޅިހެރުމުގެ ސަބަބުން "ހޯސްލައިފައި" އެ މީހުންގެ ގައިން ލޭ އޮހޮރުނު ކަމަށް މަންޒަރުދުށް މީހަކު ސަން އަށް ކިޔައިދިނެވެ.
އަދި ފުލުހުން ވެސް ވަނީ އެ ކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
އޭޑީކޭގައި ހުރި ސަންގެ ނޫސްވެރިއަކު ދެންމެ ބުނީ އެ ދެ މީހުންނަށް އެޑީކޭގައި ފަރުވާދެމުން އަންނަ ކަމަށާއި ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭ އައިޖީއެމްއެޗަށް އެ ދެ މީހުން ބަދަލު ކުރާނެ ކަމަށެވެ. އަދި އެ ދެ މީހުންނަށް ލިބިފައިވާ ޒަހަމްތަކުގެ ސީރިއަސް ކަމެއް އަދި މިހާތަނަށް އޭޑީކޭ އިން ލިބިފައި ނުވާ ކަމަށް އެ ހޮސްޕިޓަލުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.
އޭޑީކޭގައި ހުރި ސަންގެ ރިޕޯޓަރު ބުނީ ކަރަށް ހަމަލާދިން މީހާގެ ހާލު ވަރަށް ސީރިއަސްކަމަށެވެ.
----------
ސަލްޓަންޕާކް ކައިރިން، އެކެއްގެ ކަރަށް އަނެކެއްގެ ބުރަކަށްޓަށް ދެންމެ ވަޅިހަރައިފި ކަމަށް ހަބަރު ލިބިއްޖެ އެވެ. ފުލުހުން ދެނެމެ ވަނީ އެކަން ކަށަވުކޮށްދީފަ އެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ދެ މީހަކަށް ހަމަލާދީފައި ވަނީ ސަލްޓަން ޕާކުގެ ތެރެއިން ކަމަށެވެ. އަދި ބުނީ އެކަކު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އަނެކަކު ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށެވެ.