މަޓާޓޯ ޓްރެވަލް އެވޯޑްސްގައި ލީޑިން ލަގްޒަރީ ރިސޯޓް ނުވަތަ އެންމެ މަތީ ފަންތީގެ ރިސޯޓަކަށް ހުވަފެންފުށި ހޮވިއްޖެ އެވެ.
މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި މަޓާޓޯ މޯލްޑިވްސް ޓްރޭވަލް އެވޯޑްސްގައި ލީޑިން ލަގްޒަރީ ރިސޯޓްގެ އެވޯޑް ހުވަފެންފުށިން ހާސިލްކޮށްފައި ވަނީ 14 ރިސޯޓަކާ ވާދަކޮށްގެންނެވެ. ކުރިން އެ އެވޯޑު ހާސިލްކޮށްފައި ވަނީ ކޮންސްޓަންސް ހަލަވެލި ރިސޯޓެވެ.
މަޓާޓޯ ޓްރެވަލް އެވޯޑްސްގައި މިއަހަރު އަށް ދާއިރާއަކުން ވަނީ އެވޯޑް ދީފަ އެވެ. އެއީ ރިސޯޓް ދާއިރާ އާއި ހޮޓެލް، ގެސްޓް ހައުސް، ވެލްނެސް، ލިވަބޯޑް އަދި އެއާލައިންގެ އިތުރުން ޑައިވް ސްކޫލުގެ އިތުރުން ޓެކްނޮލޮޖީ އެވެ.
ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑް ހުވަފެން ފުށިން ހާސިލްކޮށްފައިވާ އިރު މޮސްޓް ރޮމޭންޓިކް ރިސޯޓަކަށް ހޮވުނީ ތާޖް އެގްޒޯޓިކާ ރިސޯޓެވެ. ލީޑިން ވެލްނެސް އެންޑް ސްޕާ ބްރޭންޑުގެ އެވޯޑާއި ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓް އެވޯޑު ހާސިލް ކުރީ ސިކްސް ސެންސަސް ރިސޯޓް އެންޑް ސްޕާއިންނެވެ. ލީޑިން ފެމެލީ ރިސޯޓް އެވޯޑު ލަކްސް މޯލްޑިވްސް އިން ހޯދިއިރު ލީޑިން އެފް އެންޑް ބީ ރިސޯޓް އެވޯޑް ހާސިލް ކުރީ އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑު ހާސިލް ކުރި ތާޖު އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާ އެވެ.
ލީޑިން ބީޗް ރިސޯޓަކަށް ހޮވުނީ އަނަންތާރާ ކިހަވަށް ވެލި ރިސޯޓެވެ. ލީޑިން އޯލް އިންކްލޫސިވް ރިސޯޓް އެވޯޑު ހާސިލް ކުރީ ސަންޓާރާ ގްރޭޑް އައިލެންޑް ރިސޯޓުންނެވެ. ލީޑިން އިކޯ ރިސޯޓަކަށް ހޮވުނީ ކޮކޯ ޕާމް ދުނިކޮޅުންނެވެ. ލީޑިން ސީއެސްއާރު ޕްރޮގްރާމް އެވޯޑް ލިބުނީ ކުރުނބާ މޯލްޑިވްސްއަށެވެ. މިދިޔަ އަހަރު ވެސް އެ އެވޯޑު ކާމިޔާބު ކުރީ އެ ރިސޯޓުންނެވެ.
ލީޑިން އެކްޓިވިޓީ ވޯޓާސްޕޯޓްސް ސެންޓަރަކަށް ހޮވުނީ ޕެރަޑައިސްގެ ވޯޓާ ސްޕޯޓްސް ސެންޓަރެވެ. ކުރިން ވެސް އެ އެވޯޑު ކާމިޔާބު ކުރީ އެ ރިސޯޓުންނެވެ. މި އެވޯޑު ޕެރަޑައިސްއަށް ލިބުނު އިރު ލީޑިން ސާފް ރިސޯޓަކަށް ހޮވުނީ ޗާޔާ އައިލެންޑް ދޮންވެލި ރިސޯޓެވެ. އަދި އެންމެ ލީޑިން އެއާލައިންއަށް ހޮވުނީ ސްރީލަންކަން އެއާލައިނެވެ.
މީގެ އިތުރުން ލީޑިން ބިޒްނަސް ހޮޓެލްގެ އެވޯޑު ޓްރޭޑާސް ހޮޓެލް ހޯދި އިރު ލީޑިން ސިޓީ/އެއާޕޯޓް ހޮޓެލްގެ އެވޯޑު ކާމިޔާބު ކުރީ ހުޅުލޭ އައިލެންޑް ހޮޓަލުންނެވެ. ލީޑިން ޑައިވް ރިސޯޓަކަށް ހޮވުނީ ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާއެވެ. އަދި ލީޑިން ޑައިވިން ސެންޓަރު އެވޯޑު ލިބުނީ ސަންތާރާ އަށެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރަވެލް އެޖެންޓްސް އެންޑް ޓުއައޮޕަރޭޓާސް (މަޓާޓޯ) އިން 2012 ވަނަ އަހަރު ތައާރަފު ކުރި އެވޯޑެކެވެ. މި އެވޯޑަކީ ޓޫރިޒަމް ދާއިރާ އިން ރާއްޖޭގައި ދެމުން އަންނަ އެންމެ ޝަރަފްވެރި އެވޯޑެވެ.