21 Nov 2014, 17:25
މާލޭގެ ފަޅުގެ ހުރިސަރަހައްދުގައި ހުރި އެމްއެންޑީއެފްގެ ހުރިހާ ކޯސްޓްގާޑުތަކެއް އަންނަ ޖެނުއަރީން ފެށިގެން ސިފަވަރުގެ ނަމުގައި ތަރައްގީ ކުރަމުން އަންނަ އުތުރު ތިލަފަޅަށް ބަދަލުކުރަން ނިންމައިފި އެވެ.
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ސިފައިންގެ އިންފްރާސްޓްރަކްޗާ ވަރުގަގަކޮށް، ސިފައިން ދިރިއުޅޭ މާހައުލުގެ ވެށި ތަރައްގީ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އުތުރު ތިލަފަޅު ހިއްކައި އެރަށަށް "ސިފަވަރު"ގެ ނަން ދެވި އެ ރަށުގައި ކޯސްޓްގާޑުގެ އުޅަނދުތައް ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ޓަކައި "ކަލާސީ ބަންދަރު"ގެ ނަމުގައި ބަނދަރެއް ގާއިމްކޮށް ބޭނުން ކުރަމުން އަންނަ ކަމަށެވެ.
"އަންނަ ޖެނުއަރީ މަހުން ފެށިގެން މާލޭގައި ހުރި ހުރިހާ ކޯސްޓްގާޑު އުޅަނދެއް އެ ބަނދަރަށް ބަދަލުކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ.
އުތުރު ތިލަފަޅުގައި ތަރައްގީ ކުރުމަށް 7.7 ބިލިއަން ޑޮލަރު ހަރަދުކޮށްދޭނެ ކަމަށް އިންޑިއަ ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އެ ރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބޭސް އަކާއި، ޑޮކްޔާޑާއި ސްލިޕްވޭ އާއި ވެއާ ހައުސްތަކާއި އެހެނިހެން ހިދުމަތްތަކާ އެކު ބަންކަރިންގެ ހިދުމަތަކާ ވެސް އެކުގަ އެވެ. އަދި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އެކިފެންވަރުގެ ހޮޓާތަކާއި ޔޮޓްމެރީނާއެއް ވެސް އެ ރަށުގައިި ހެދިގެން ދާނޭ އެވެ.