އަވަސް އިންތިހާބެއް ބޭއްވުމަށް ޖަޕާނުގެ ބޮޑުވަޒީރު ޝިނިޒޯ އަބޭ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް މިއަދު އުވާލައްވައިފި އެވެ.

އަވަސް އިންތިހާބަކުން، ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޖަޕާނުގައި ވެރިކަން ކުރަމުން އަންނަ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ އަށް، 480 ގޮޑީގެ މަޖިލީހުގެ ބައެއް ގޮނޑި ގެއްލިދާނެ ކަމަށާއި ނަމަވެސް އެ ޕާޓީ އިން މެޖޯރިޓީ ހޯދޭނެ ކަމަށް އޭޕީ އިން މިއަދު ބުންޏެވެ.

އަވަސް އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހު 14ގަ އެވެ. އަބޭ ވަނީ ސޭލްސް ޓެކްސް ބޯޑު ކުރަން ޕްލޭން ކުރި އަދަދު ހޯމަ ދުވަހު އިއުލާން ކުރުމަށް ފަހު އެކަމަށް އަމަލު ކުރުން ފަސްކޮށްފަ އެވެ. ސޭލްސް ޓެކްސް ބޮޑު ކުރަން ހުށަހަޅަނީ، މިހާރު ނަގާ އަށް ޕަސެންޓްގެ ބަދަލުގައި އަންނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން 10 ޕަސެންޓަށް ބޮޑު ކުރުމަށެވެ.

އަވަސް އިންތިހާބެއް ބާއްވަނީ އަބޭގެ އިކޮނަމިކް ޕޮލިސީ އަށް ރައްޔިތުންގެ ރުހުން ހޯދުމަށެވެ.

"ހަނގުރާމަ އަދި މި ފެށެނީ،" އަބޭ ވިދާޅުވި އެވެ. "އަހަރުން މަސައްކަތް ކުރާނަން ދުނިޔޭގެ ކުރިމަތީގައި ޖަޕާން ވިދާތަނެއްގެ ގޮތުގައި ބޭއްވުމަށް އަދި ޒިންމާތަކާއިގެން ކުރިއަށް ދިއުމަށަް އެނބުރި އާދެވޭތޯ."

އަބޭ ހަތަރު އަހަރަށް އިންތިހާބުވެފައި ވަނިކޮށް، އަދި ދެ އަހަރު ވެސް ނުވަނީސް ދަށުގޭގެ އަވަސް އިންތިހާބަކަށް ގޯވާލުން ވަނީ ރައްޔިތުންގެ ކުރިމަތީގައި ސުވާލުއުފެދިފަ އެވެ. އަދި ނެގެޓިވް އިކޮނަމިކް ޑާޓާ އާންމު ކުރުމަށް ފަހު އަވަސް އިންތިހާބަކަށް ގޮވާލުމަކީ ވިސްނުންތެރި ނިންމުމެއް ނޫން ކަމަށް ވެސް ރައްުޔިތުން ދެކެ އެވެ. މި ހަފްތާގައި ނެގި ހިޔާލު ހޯދުންތަކުން ދައްކާ ގޮތުން ވެސް ދަށުގެ އުވާލުމަކީ ރައްޔިތުން ގަބޫލު ކުރާ ކަމެއް ނޫނެވެ.

ނަމަވެސް އަބޭ ދެކިވަޑައިގަންނަވަނީ މިއީ އާ މޭންޑޭޓަކާ އެކު އެނބުރިވަޑައިގަތުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ދާދިފަހުން ކުރިމަތިވި ކެބިނެޓް މިނިސްޓަރެއްގެ ފަސާދައިގެ މައްސަލަ އިން އަރައިގަތުމަށް ވެސް ލިބޭ ފުރުސަތެއްް ކަމަށެވެ. ކެމްޕޭން ފައިސާ އަށް ހިޔާނާތްތެރިވެ، އަދި އިލެކްޝަން ގާނާނޫނު ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައި ދެ ވަޒީރަކު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ދެން ތިއްބެ ބޭފުޅުން ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ.