ވިލާ އެއާ އިން ހިންގަމުން އަންނަ ފްލައިމީގެ ފްލައިޓެއްގެ ތެރޭގައި ނޭވާ ހާސްވެގެން އެމަޖެންސީގައި އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓަށް ޖެއްސި ފްލައިޓްގައި އިން ދިވެހި އަންހެން މީހާ މަރުވީ ފަރުވާދެމުން ގެންދަނިކޮށް ކަމަށް ވިލާ އެއާއިން ބުނެފި އެވެ.

ފްލައިޓް ތެރޭގައި ނޭވާ ހާސްވެގެން، އިމަޖެންސީގައި ފަރުވާދެމުން ގެންދަނިކޮށް މަރުވެފައިވަނީ ގއ. ވިލިނގިލީ، ސޯސަންވިލާ، ޝާހިދާ ހަސަން 59، އެވެ.

އެ ހާދިސާ ހިނގައި ދިޔަ ގޮތް ބަޔާންކޮށް ވިލާ އެއާއިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ބޯޓު ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ އަންހެން މީހާ ނޭވާ ހާސްވެގެން ބޯޓުގެ ކުރޫއަށް އެންގި ކަމަށެވެ. އަދި އެވަގުތުން ފެށިގެން ހަމަޖެހިފައިވާ އުސޫލުގެ މަތިން ފަރުވާދޭން ފެށި ކަމަށް ވެސް ބުނެފައިވެ އެވެ.

ފްލައިމީ އިން ބުނީ އެ މީހާ އަށް ބޯޓު ތެރޭގައި ފަރުވާދިނުމަށް އެވަގުތު އެ ފްލައިޓުން ދަތުރުކުރި ފަސްޓްއެއިޑް ތަމްރީން ލިބިފައިވާ މީހެއްގެ އެހީތެރިކަން ލިބުނު ކަމަށެވެ. އަދި އެ މީހާ އަށް އޮކްސިޖަންދީ ސީޕީއާރުއެސްގެ ފަރުވާ ބޯޓުގެ ކުރޫ އިން ދިން ކަމަށެވެ.

"މިފަަދަ ހާދިސާ އެއް ދިމާވެއްޖެ ނަމަ ބޯޓުން ދެވެން އޮތް ހުރިހާ ފަރުވާއެއް ފޯރުވައިދިނުމުން ވެސް ކާމިޔާބު ނުވުމުން ބޯޓުގެ ކުރޫ އިން އިމަޖެންސީގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ނިންމައި ފްލައިމީ މާލޭ ގްރައުޑް އޮފީހަށް އެންގި އެވެ،" އެ ނޫސް ބަޔާނުގައިވެ އެވެ.

އެ ފްލައިޓް މާލޭ ވައިގެ ބަނދަރަށް އެމެޖެންސީގައި ޖައްސާފައި ވަނީ 20:05 ގައި ކަމަށާއި އޭނާ ނިޔާވީ އެއާޕޯޓްގައި ހުންނަ އޭއެމްޑީސީ ކްލިނިކަށް 20:15 ގައި ގެންގޮސް ޑޮކްޓަރުން އިތުރު ފަރުވާދެއްވަމުން ގެންދަވަނިކޮށް 20:45 ގައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ވިލާ އެއާ އިން ބުނެފައިވެ އެވެ.

އެ ފްލައިޓަކީ މިދިޔަ ބުދަދުވަހުގެ ރޭ މާލެ އިން ފުރައިގެން ގއ. ކޫއްޑު ދަތުރުކުރި ފްލައިޓެކެވެ.