ވިއެނާ (ނޮވެމްބަރު 21) :އީރާނުގެ ނިއުކްލިޔަރ މައްސަލައިގެ ވާހަކަތައް އަލުން ފެށުމުގެ ގޮތުން އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް އާއި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިއެނާގައި އަނެއްކާވެސްބައްދަލުކުރައްވަމުން އެބަގެންދަވައެވެ.

ވިއެނާއަށް ވަޑައިގަތުމަށްފަހު އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ވިއެނާގެ ވާހަކަތަކުގެ އަމާޒަކީ މިމަހުގެ 24 ގެކުރިން އީރާނާއި ހުޅަނގުގެ ބާރުތަކާދެމެދު މިމައްސަލާގައި އެއްބަސްވުމަކަށް އައުން ކަމުގައެވެ.އީރާނުގެ ނިއުކްލިޔަރ މައްސަލަ ޙައްލުކުރުމަށްޓަކައި އެގައުމާއި ހުޅަނގުގެ ބާރުތައް އިއްތިފާގުވެފައިވަނީ މި ނޮވެމްބަރު މަހުގެ 24 ކުރިން މިކަމުގައި އެއްބަސްވުމަކާ ހަމައަށް އައުމަށެވެ. މިވާހަކަތައް މިހާރު ޙައްސާސީ މަރްޙަލާއަކަށް ވަދެފައިވާއިރު ހުޅަނގުގެ އިސް މަސްއޫލުވެރިން ވިދާޅުވަނީ އެއްބަސްވުމަކަށް އައުމުގެ ފުރްސަތު ވަރަށް ކުޑަކަމުގައެވެ.

އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގައި އެގައުމާއި ހުޅަނގުގެ ބާރުތައް އެއްބަސްވުމަކާ ހަމައަށް އައުމަށް ހުރަސްއަޅާ މައިގަނޑު ހަތަރު ކަމެއްވެއެވެ. ފުރަތަމަ ކަމަކީ މަދަނީ ކަންކަމަށް ބޭނުންވާ މިންވަރަށްވެސް ޔޫރޭނިޔަމް ފައްކާކުރުމުގެ ޙައްގު އީރާނަށް ދިނުމަށް ހުޅަނގުގެ ބާރުތަކުން ދެކޮޅު ހެދުމެވެ. ދެވަނަކަމަކީ އީރާނުގައި މިހާރުހުރި ފައްކާކުރި ޔޫރޭނިޔަމްގެ ސްޓޮކް އދ. ގެ ބެލުމުގެ ދަށުން ވަރަށް ބޮޑަށް ކުޑަކޮށްލުމަށް ހުޅަނގު ބާރުތަކުން ބާރުއެޅުމެވެ. ތިންވަނަ ކަމަކީ ހެވީވޯޓަރ ޓެކްނޮލޮޖީއަށް ބަރޯސާވެގެން އީރާނުން ހިންގާ އަރާކް ނިއުކްލިޔަރ ރިއެކްޓަރު ލައިޓް ވޯޓަރ ޓެކްނޮލޮޖީގެ ރިއެކްޓަރަކަށް ބަދަލުކުރުމަށް ހުޅަނގުން އެދޭމައްސަލައެވެ. ހަތަރުވަނަ ކަމަކީ އަރާކް ނިއުކްލިޔަރ ރިއެކްޓަރުގެ މުޅި މަޝްރޫޢަކީވެސް ޕްލޮޓޯނިޔަމް އުފެއްދުމުގެ މަޝްރޫޢެއްކަމަށްބުނެ އެމަޝްރޫޢު ގެ މަސައްކަތް މުޅިން ހުއްޓާލުމަށް ހުޅަނގުން ބާރުއަޅާ މައްސަލައެވެ.

ހުޅަނގުގެ މިއެދުންތަކަކީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ގެ ބޭނުމާއި އޭގެ އަމާޒު މުޅިން ގެއްލިގެންދާނެ ކަންކަމަށްވާތީ މިކަންކަމުގައި ބޮޑެތި ދޫދެވެންނެތް ކަމަށް އީރާނުން ބުނެއެވެ.ނަމަވެސް 20 އިންސައްތަ އަށްޔޫރޭނިޔަމް ފައްކާކުރުމުގެ ފުރްސަތު އީރާނަށް ދޭގޮތަށާއި އަރާކް ރިއެކްޓަރުގެ މަޝްރޫޢަށް ބަދަލުތަކެއް ގެންނަ ގޮތަށް އެއްބަސްވުމަކަށް އައުމަށްތައްޔާރަށް އޮތްކަމަށް އީރާނުން ބުނެއެވެ. ނަމަވެސް މިވަރުން، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އީރާނަށް ނުލިބޭނެކަމުގެ ގެރެންޓީ އެއްނެތް ކަމަށްބުނެ އީރާނުގެ ހުށަހެޅުމަށް ހުޅަނގުގެ ބާރުތައް ގެންދަނީ ދެކޮޅު ހަދަމުންނެވެ.
އެހެންކަމުން އިރާނުގެ ނިއުކްލިޔަރ މައްސަލާގައި ހުޅަނގުގެ ބާރުތަކުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން މިމަހުގެ 24 ގެކުރިން މިކަމުގައި އެގައުމާއި ހުޅަނގުގެ ބާރުތަކަށް އެއްބަސްވުމަކަށް އާދެވުމުގެ ފުރްސަތު ވަރަށް ކުޑަކަމަށް މުރާސިލުން ބުނެއެވެ. (ރޮއިޓާސް)