21 Nov 2014, 13:40
މަޝްހޫރު ލަވަކިޔުންތެރިޔާ ސޯން ޕައުލް މި އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު "ސަން" އަށް ވިދާޅުވީ ސޯން ޕޯލް ރާއްޖެ އަންނަނީ އޭނާ ދެއްވާފައިވާ ދައުވަތަކަށް ކަމަށެވެ. އަދި ސޯން ޕޯލް ރާއްޖެ ގެންނަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށާއި ޒުވާނުންގެ މުނިފޫހިފިލުވުމަށް ކަމަށް ވެސް އަދީބް ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ސޯން ޕޯލް ރާއްޖެ އަައުމަށް ދީފައިވާ ދައުވަތު އޭނާ ގަބޫލްކޮށްފައިވާ ކަމަށާއި ސޯން ޕޯލް ރާއްޖެ ގެނައުމަށް ސްޕޮންސަރުން ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުން އެކަމަށް އެއްވެސް ހަރަދެއް ނުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ގްރެމީ އެވޯޑް ވިނާ ސޯން ޕައުލް އަށް ވާނީ ދައުވަތުދީފައި، އޭނާ ވަނީ އެ ދައުވަތު ގަބޫލްކޮށް ރާއްޖެ އަންނާނެ ކަން މިއަދު ޔަގީންކޮށްދީފައި، މިއީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް ޒުވާނުންގެ މުނިފޫހިފިލުވުމަށް ބޮޑަށް ކުރާ ކަމެއް، އެހެންވެ މާލޭގައި ބޮޑު ތަނެއްގައި ސޯން ޕޯލްގެ ޝޯ ބާއްވާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައި، އެ ޝޯ ބެލުމަށް ހިލޭ ވަދެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާނީ،" އަދީބު ވިދާޅުވެފައިވެ އެވެ.
ސޯން ޕައުލްގެ ރާއްޖެ ގެނައުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރެގޭ މިއުޒިކާއި އާރުއެންބީ އަދި ހިޕްހޮޕް ލަވަތަކާއި ނެށުމަށް މައްޝޫރު ސޯން ޕޯލްއަކީ ޒުވާނުންގެ މެދުގައި ވަަަރަށް ބޮޑު މަގުބޫލް ކަމެއް ހޯދަމުން އަންނަ ލަވަކިޔުންތެރި އެވެ. ގްރެމީ އެވޯޑްގެ އިތުރުން ގިނަ އެވޯޑްތަކެއް ސޯން އަށް މިހާތަނަށް ވަނީ ލިބިފަ އެވެ.