04 Apr 2010, 15:13
19:00
ހޯމް އެފެއާޒްގެ ޕާމަނަންޓް ސެކްރެޓްރީ އަތޮޅު އޮފީސްތަކުގެ ތިން މަޤާމެއް އުވާލައްވައި، 64 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެދި ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ ސިވިލް ސާވިސް ޤާނޫނާ ހިލާފަށް ކަމަށް ބުނެ މޯލްޑިވްސް ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން އެ މައްސަލަ ބަލައިދިނުމަށް އެދި ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން ބުނީ ޕާމަނަންޓް ސެކްރެޓްރީ އެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައިފައި ވަނީ ޤާނޫނާއި ގަވާއިދާ ހިލާފަށް ކަމަށާއި، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރައްވާފައިވާތީ އާއި، އަދި މިހާރު ވަޒީފާގައި ތިބި އެ ދާއިރާގެ ބައެއް މުވައްޒަފުންނާ މެދު ވެސް، ކަނޑައެޅިގެން ޤާނޫނާ ޤަވާއިދާ ހިލާފަށް މުއާމަލާތު ކުރައްވަމުން ގެންދަވާ ކަމަށް، އަދި އޭގެ ތެރެއިން ބައެއް ކަންތައްތައް ފާހަގަކޮށް ހަތަރު މައްސަލައެއް ބަލައިދިނުމަށް އެދި ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.
މިކަމާ ގުޅިގެން ސިވިލްސާވިސް ކޮމިޝަންގެ މެންބަރ މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ޕާމަނަންޓް ސެކެޓްރީންގެ ޝަކުވާތައް ވަރަށް ގިނަ ފަރާތްތަކުން އެ ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށާއި ނަމަވެސް ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން އެ ބުނާ މައްސަލަ އަދި އެކޮމިޝަނަށް ހުށަހެޅިފައިވާކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ. ފަހްމީ އަދި ވިދާޅުވީ މުވައްޒަފުން ވަކިކުރުމަށް އެދިވަޑައިގެންނާއި ބައެއް މަޤާމުތައް އުވާލެއްވުމަށް އެދި ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އެކިފަހަރު މަތިން އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.