21 Nov 2014, 10:29
ހައުސިން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަރީފް އެ މަގާމުން ވަކިކޮށްފި އެވެ. ސިވިލް ސާވިސް ކޮމިޝަނުން ޑރ. ޝަރީފް މަގާމުން ވަކިކުރީ އިއްޔެގެ ވަގުތެއްގަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ޝަރީފް އެމަގާމުން ވަކިކޮށްފައި ވަނީ ސީއެސްސީން ހިންގި ދިގު ތަހުގީގަކަށް ފަހު އެވެ. އެ ގޮތުން މިނިސްޓްރީގެ މަސައްކަތްތަކަށް ދަތިކޮށް ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހި ސީއެސްސީގެ ގާނޫނާ ގަވައިދާ ޚިލާފުވެފައިވާކަން ތަހުގީގަށް ސާބިތުވެފައިކަން ސަން އަށް ވަނީ އެނގިފަ އެވެ.
މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ، ޕީއެސްގެ މަގާމުން ޝަރީފް ވަކިކުރައްވައިފައިވާ ކަމަށާއި އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރައްވައިފައި ވަނީ އެންވަޔަރަންމެންޓް މިނިސްޓްރީގެ ޕީއެސް އަޖުވަދު މުސްތަފާއާ ކަމަށެވެ.
މި މައްސަލައިގެ އިތުރު ތަފުސީލެއް އެ އޮފިޝަލު ނުދެއްވި އެވެ.
ހައުސިން މިނިސްޓްރީގެ ޕީއެސް ޑރ. މުހައްމަދު ޝަރީފް އެ މަގާމުން ވަކި ކުރި އިރު، އޭނާ މަގާމުގެ ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ވަނީ މި މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ އަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
ޕާމަނެންޓް ސެކްރެޓަރީގެ މަގާމުގައި ހުރެ ހައުސިން މިނިސްޓަރަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް އެކި ކަހަލަ އުނދަގޫތައްކޮށް ބިރު ދައްކާ ކަމަށް ބުނެ މައްސަލަ ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު އަދި ހުޅުދޫ ދާއިރާ މެމްބަރު މުހައްމަދު ޝާހިދެވެ.
އެ ތިން މެމްބަރުން ހުށަހަޅުއްވާފައިވާ މައްސަލާގައި ބުނެފައި ވަނީ ޝަރީފް މިނިސްޓަރަށާއި މުވައްޒަފުންނަށް ބިރުދައްކައި އުނދަގޫ ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ސިވިލް ސާވިސް އަށް ވެސް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.