21 Nov 2014, 09:44
ޗާޔާ ރީފް އެެއްލައިދޫ ރިސޯޓުން ގެސްޓުން ގޮވައިގެން އެއާޕޯޓަށް ދިޔަ ލޯންޗެއް މާލޭގެ ފަރަށް އަރައި ބަންޑުން ޖަހައިލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 7:00 ޖަހާއެހާކަންހާއިރު ކަމަށާއި ލޯންޗް ބަންޑުން ޖަހާލައިފައި ވަނީ ވެސްޓްޕާކާއި އެމްޕީއެލް ހުޅަނގާ ދެމެދަށް ކަމަށެވެ. އެ ލޯންޗް ބަންޑުން ޖަހާލީ އެމްޕީއެލް ސަރަހައްދުގެ ބޭރު ތޮށީގައި ޖެހިގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ހާދިސާ ހިނގި އިރު ލޯންޗްގައި ޖަރުމަންވިލާތުގެ ހަތަރު ފަތުރުވެރިން ތިއްބެވެ. އަދި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެ ވަގުތު ލޯންޗުގައި ތިބި ތިން ފަޅުވެރިންގެ ތެރެއިން އެކަކަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ވަނީ ލިބިފަ އެވެ.
"އެކްސިޑެންޓްގައި ލޯންޗްގެ ފަޅުވެރިއަކަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުނު ނަމަވެސް މާބޮޑު ކަމެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެކްސިޑެންޓް ހިނގުމާއެކު އިތުރު ލޯންޗެއްގެ އެހީއާ އެކު ގެސްޓުން ވަނީ އެމްޕީއެލް ސަރަހައްދަށް ނަގައިފަ އެވެ.