21 Nov 2014, 00:51
ދުރުންދޭ ތައުލީމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުންނާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.
ސެންޓަރ ފޯ އޯޕަން ލާނިން (ކޮލް) އަށް 15 އަހަރުން ފުރުމުގެ ގޮތުން މިރޭ ގައުމީ ޔުނިވާސިޓީގެ ޖީ. ބްލޮކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ޑރ. ލަތީފް ވިދާޅުވީ، ދުރުންދޭ ތައުލީމު ފުޅާ ކުރުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. ޑރ. ލަތީފްގެ ވާހަކަފުޅުގައި ކޮލްއަކީ އެހެނިހެން ސުކޫލްތަކަށާއި އަދި އެހެން ފެކަލްޓީތަކަށް ވެސް ފަސޭހަވާނެ ތަނަކަށް ހެދުމަށް އިލްތިމާސްކުރެއްވި އެވެ.
"ދުރުންދޭ ތައުލީމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އަންނާނެ. އެންމެ ގާތްކޮށް އެކުވެރިކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ވެސް. އެއީ ނޮން ކޮންވެންޝަނަލް ކޮންމެ އެއްޗަކީވެސް އެއަށް ޗެލަންޖަސް އަންނާނެ އެއްޗެއް،" ޑރ. ލަތީފް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ހުސައިން ހަމީދު ވިދާޅުވީ، ހުރިހާ ފެކަލްޓީތަކެއްގައިވެސް ދުރުންދޭ ތައުލީމް މިހާރު ކިޔަވައިދެމުން އަންނަކަމަށެވެ.
"އޯޕަން ލާނިން މިތަނަށް ކިއި ކަމުގައި ވިޔަސް މިތަނަކީ އޯޕަން ލާނިން ދޭ ތަނެއް ނޫން. މައިގަނޑު ގޮތެއްގައި މިތަނުން ދެނީ ދުރުންދޭ ތައުލީމް،" ޑރ. ހުސައިން ވިދާޅުވި އެވެ.
ފަސް އަހަރަށް ވުރެއް ދިގު މުއްދަތެއްގައި ކޮލްއަށް ހިދުމަތް ކޮށްދެއްވި ބޭފުޅުންނަށް މިރޭގެ އެ ރަސްމިއްޔާތުގައި ހަނދާނީ ލިޔުން ހަވާލުކުރައްވާފައި ވެއެވެ. އަދި ކޮލްގެ 15 އަަހަރުގެ މައްޗަށް ބަލާލައި ތައްޔާރުކޮށްފައިވާ މަޖައްލާއެއްވެސް މިރޭ ވަނީ ނެރެދެއްވާފައި ވެއެވެ. މި މަޖައްލާ ނެރެދެއްވީ ޑރ. މުހައްމަދު ލަތީފް އެވެ.
މިރޭގެ ރަސްމިއްޔާތުގައި ކޮލްގެ މުވައްޒަފުންނާއި ކުރިން ކޮލްގައި މަސައްކަތް ކުރެއްވި ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.