21 Nov 2014, 00:41
މަރުގެ ހުކުމް ތަންފީޒުކުރުމަށް މި ސަރުކާރަށް ކެރޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީހަކު މެރުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް މަތީމަރުހަލާގެ ހުރިހާ ކޯޓަކުން ތާއީދުކޮށްފައި ވަނިކޮށް، ވާރިސުން މައާފް ނުދޭ ކަމުގައިވާނަމަ، އެފަދަ މީހަކަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކުރަން ސަރުކާރަށް ކެރޭނެ ކަމަށެވެ.
"އިސްލާމީ އުސޫލުތަކުން އެކަންކަން ފައިސަލާކޮށް އިސްތިއުނާފުގެ ހުރިހާ މަރުހަލާތަކެއް ނިމި، އަދި އިސްލާމީ ކްރިނިކަލް ކައުންސިލިންގްދީ ނިމި އަދި ވާރިސުންގެ ފަރާތުން މައާފުނުދޭކަމަށް ވަންޏާ މި ސަރުކާރަށް ކެރޭނެ މަރުގެ ހުކުމް ތަންފީޒު ކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި އެއްވެސް ރަހުމެއް ނެތި ރައްޔިތުން ކަތިލާ މީހުންނާ މެދު މި ސަރުކާރުގެ އެއްވެސް ރަހުމެއް ނޯންނާނެ އެވެ.
އެމަނިކުފާނު ވިދާޅުވީ، މިހާރު އުސޫލު އޮންނަގޮތުން ކަނޑިފަދަ ތޫނު ހަތިޔާރު ހިފައިގެން އުޅޭ މީހުން ހައްޔަރު ކުރިއަސް ގިނަ ދުވަސްތަކެއް ނުވެ އެފަދަ މީހަކު ބަންދުން ދޫކޮށްލަން ޖެހޭ ކަމަށެވެ.
ކޯޓު އަމުރެއް ނެތި ކަނޑިފަދަ ތޫނު ހަތިޔާރު ގެންގުޅޭ މީހުން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބައިތިއްބުމަކީ ތަހުޒީބުވެފައިވާ ގައުމުތަކުގައި އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށާއި އެފަދަ މީހުންނަށް ވަކިމުއްދަތެއް ވަންދެން ގާނޫނީ ވަކީލަކު ހަމަނުޖެއްސޭ ގޮތަށް ވެސް އެފަދަ ގައުމުތަކުގައި ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ވެސް އެފަދަ ގޮތްތަކަށް އުސޫލު ބަދަލުކުރުމަށްޓަކައި ބިރުދެއްކުމާއި ނުރައްކާތެރި ހިތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
"އެންމެ ތަހުޒީބު ދުނިޔޭގައި ވެސް މިކަން އޮންނަ ގޮތަކީ މިކަހަލަ މީހުން ކުށެއް ނެތްކަން ކުށުން ބަރީޢަވެގެންވާކަން ސާބިތުކުރަންޖެހޭނީ އެމީހުން އަމިއްލައަށް. އެއްވެސްކަހަލަ ކޯޓު އަމުރެއް ނެތި، ތަހުގީގު ކުރާއިރު ލޯޔަރެއް ވެސް ބައިތިއްބުމެއް ނެތި. ހަތް ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި މި މީހުން ބައިތިއްބޭ،" ރައީސް ވިދާޅުވި އެވެ.