21 Nov 2014, 00:35
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ "މައިލޯ ވީއޭއެމް ޔޫތު ވޮލީ ޗެމްޕިއަންޝިޕް 2014" ފަށައިފި އެވެ.
ބުދަދުވަހު ފެށި އެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން ޑިވިޝަންގެ ފަސް ޓީމާއި ފިރިހެން ޑިވިޝަންގެ ފަސް ޓީމެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވީ، ޕޮލިސް ކްލަބާއި ގެމަނަފުށި ސްޕޯޓްސް ކްލަބާއި ފޮނަދޫ އެކުވެރިންގެ ގުޅުމާއި ކެޔޮދޫ ރަށްވެހި ކްލަބް އަދި ކްލަބް ހާފް ލައިން ލިންކޭޖޭވެ.
އަންހެން ޑިވިޝަންގައި ބައިވެރިވީ، ޔޫތު ސްޕޯޓްސް ކްލަބާއި އައިލެންޑް އޯޝަން ކްލަބާއި ބ. ގޮއިދޫ ސްކޫލާއި ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ޕޮލިސް ކްލަބެވެ.
އެ މުބާރާތުގެ ފުރަތަމަ ދުވަހު ދެމެޗެއް ކުޅެފައިވެ އެވެ. ފިރިހެން ޑިވިޝަންގެ ދެ މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޕޮލިސް ކްލަބާއި ގެމަނަފުށި ސްޕޯޓްސް ކްލަބެވެ. އެ މެޗު ސީދާ ތިން ސެޓުން މޮޅުވެފައިވަނީ ޕޮލިސް ކްލަބެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމުގެ އަހުމަދު އަތީފެވެ.
ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ފެލިދޫ އެކުވެރިންގެ ދިރުމާއި ކެޔޮދޫ ރަށްވެހި ކްލަބެވެ. އެ މެޗު 3-2 ސެޓުން މޮޅުވެފައިވަނީ ކެޔޮދޫ ޓީމެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެޔޮދޫ މުހައްމަދު ޝައިން އެވެ.