ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން އިންތިޒާމުކޮށްގެން ބްލަކް ކުންފުންޏާއެކު ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "މޯލްޑިވްސް މެރިން އެކްސްޕޯ" އިތުރަށް ޕްރޮމޯޓް ކުރުމުގެ އެއްބަސްވުމުގައި ބްލަކް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އެކު އެއްބަސްވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްޕީއާރުސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޑިރެކްޓަރު އަހުމަދު ޒިޔަތު އެވެ. ބްލަކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އިސްމާއިލް ހުޝާމް އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ އަކީ ލޭމްގެ އޮފިޝަލް އެގްޒިބިޝަންގެ ގޮތުގައި ކޮންމެ އަހަރަކު އެއްފަހަރު ކުރިއަށްގެންދާ އެގްޒިބިޝަންއެކެވެ. އެގޮތުން މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ވެސް އެ އެގްޒިބިޝަން ހިންގާނީ ބްލަކް ކުންފުނިންނެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބްލަކް ކުންފުނީގެ ޑިރެކްޓަރު ހުޝާމް ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު އެ ކުންފުނިން މެރިން އެކްސްޕޯ އޯގަނައިޒް ކުރުމަށް ނިންމާފައިވާ އިރު އެކަމުގައި ސަރުކާރުގެ އަދި އެހެން މުއައްސަސާތަކުގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުންވާ ކަމަށެވެ.

އެގޮތުން މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީއާއި ގުޅިގެން އެ އެކްސްޕޯ ބޭރު ދުނިޔެއަށް ވެސް އިތުރަށް އިޝްތިހާރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން އަހަރުތަކުގައި ހުޅުމާލޭގައި މެރިން އެކްސްޕޯ ބާއްވަން ނިންމާފައިވީ ނަމަވެސް މިއަހަރު މެރިން އެކްސްޕޯ ބާއްވަން ނިންމާފައި ވަނީ ދަރުބާރުގޭގަ އެވެ. އެގޮތުން އިތުރު އެގްޒިބިޓާސް އާއި އިތުރު ވޯކްޝޮޕްތަކާއި ސެމިނާ ފަދަ ކަންކަން މެރިން ދާއިރާގައި ކުރިއެރުންތައް ލިބޭނެ ގޮތަކަށް ބައްޓަން ކުރެވޭނެ ކަމަށް ހުޝާމް ވިދާޅުވި އެވެ.

އަންނަ އަހަރު މެރިން އެކްސްޕޯ ބާއްވަން ނިންމާފައި ވަނީ މާޗް މަހު 24 25 އަދި 26 ވަނަ ދުވަހު އެވެ.