21 Nov 2014, 00:11
މައްޗަންގޯޅި 'ސްޕޯޓްސް ސިޓީ' އެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރާވައި، އެ މަޝްރޫއުގެ ދަށުން ކުޅިވަރު އެކުވެނި ސަރަހައްދު އިތުރަށް ތަރައްގީ ކުރުމުގެ ތަސައްވުރެއް މިހާރު ކުރަހައި ނިމިފައި ވާކަމަށް ޔޫތު މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު ވިދާޅުވީ، މި ޕްލޭން ކުރެހިފައި ވަނީ އެކުވެނި އިންޑޯ ހޯލްވެސް ހިމެނޭ ގޮތަށް ކަމަށާއި، އެ މަޝްރޫއަކީ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށެވެ.
"ގާތްގަނޑަކަށް 3،00،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގެ ތަރައްގީގެ ތަސައްވުރެއް އަޅުގަނޑުމެން މިހާރު ވާނީ ކުރަހާ ނިންމާފައި. އިރާދަ ކުރެއްވިޔާ ވަރަށް އަވަހަށް އޭގެ ތަފްސީލީ ކުރެހުމާއި، ބީއޯކިޔޫ ތައްޔާރު ކުރުމަށް ބަޔަކާ ހަވާލުކުރެވިގެން ދާނެ،" މިނިސްޓަރު މަލީހް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ކުޅިވަރު ސިޓީގެ ގޮތުގައި ތަރައްގީކުރާ ސަރަހައްދުގައި ރާއްޖޭގައި މައިގަނޑު ގޮތެއްގައި ކުޅޭ ހުރިހާ ކުޅިވަރެއްގެ އިންޑޯ ކޮމްޕްލެކްސް ހިމެނޭނެ ކަމަށެވެ. އަދި އެ ކުޅިވަރުތަކުގެ އިތުރުން އެތަން ފަރުމާ ކުރެވިގެން ދާނީ މިހާރު ރާއްޖޭގައި ނުކުޅޭ ބައެއް ކުޅިވަރުތައްވެސް ހިމެނޭފަދަ ގޮތަކަށް ކަމަށާއި، އަތޮޅުތެރޭން އަންނަ ކުޅުންތެރިންނަށް ތިބެވޭނެ ގޮތަށް ޑޯމެޓްރީއެއްވެސް މި ކުރެހުމުގައި ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި، އެކުވެނީގެ ދެފަރާތުގައި ހުންނަ ދެ އިމާރާތް ތަޅާލުމުގެ މަސައްކަތް އެމްއާރްޑީސީ އާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއެކޮށްފައި ވާއިރު، މިނިސްޓަރު ވިދާޅުވީ، "މިއީ މައްޗަންގޯޅި ސްޕޯޓްސް ސިޓީ އެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ފެށުމުގެ ބައެއް" ކަމަށެވެ.