މާފަންނު ސްޓޭޑިއަމް ކައިރީގައި ހާދާފައިވާ ކުޅިވަރު އެކުވެނީގެ ދެ ފަރާތުގައިވާ އިމާރާތް ތަޅާލުމަށް 1.3 މިލިއަން ރުފިޔާއަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ ހަވާލު ކޮށްފި އެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ހަވީރު ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު މުޙައްމަދު މަލީހް ވިދާޅުވީ، ތަޅާލުމަށް ހަވާލުކުރެވުނު ދެ އިމާރާތަކީ ވަރަށް ބާވެފައިވާ ދެ އިމާރާތް ކަމަށާއި، މިހާރު އެދެ އިމާރާތް ބޭނުން ނުކުރެވޭވަރު ވެފައިވާ ކަމަށް ހައުސިން މިނިސްޓްރީންވެސް ލަފާދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި ވަނީ ދެކޮޅުގައި ހުރި ދެ އިމާރާތް ތަޅާލުމަށް. އެގޮތުން މިއަދު އެމްއާރްޑީސީއާ އެކު ސޮއިކުރެވިގެން މި ދިޔައީ މިކަމުގެ އެއްބަސްވުމުގައި. މި އެއްބަސްވުމުގެ ދަށުން 80 ދުވަހުގެ ތެރޭގައި ދެކޮޅުގައި ހުރި ދެ އިމާރާތް ތަޅާލައި އެއްކޮށް ސާފްކޮށް މިނިސްޓްރީއާ ހަވާލުކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ އިމާރާތް ބޭނުންކުރަމުން އައީ ހަތަރު އެސޯސިއޭޝަނަކުން ކަމަށާއި، އެ އެސޯސިއެޝަންތަކުގެ އިތުރުން ޓީޓީ ކުޅޭ އިންޑޯ ހޯލްވެސް ގާއިމްކުރެވިފައި ވަނީ އެތާގައި ކަމަށެވެ. އަދި އެތަން ބަންދު ކުރުމަށްފަހު އެ އެސޯސިއޭޝަންތަކަށް އެހެން ތަންތަނުން ވާނީ ޖާގަ ހަމަޖައްސާދީފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީން އެ މަސައްކަތް މިހާ ކުއްލިގޮތަކަށް ކުރިއަށް ގެންދަން ހަމަޖެއްސީ އިންޑޯ ހޯލަކީ ގިނަ ކުޑަ ކުދިންތަކަކާއި އާންމު ރައްޔިތުން ބޭނުން ކުރަމުން އަންނަ ހޯލަކަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ އިމާރާތް ބާވެފައި ވުމުގެ ސަބަބުން އެކުވެންޏަށް އަންނަ ފަރާތްތަކަށް ނުރައްކަލެއް ކުރިމަތި ވުމުގެ ފުރުސަތު އޮތުމާއި އެ އިމާރާތް މިހާރު ހުރި ހާލަތުގެ ސަބަބުން އާސަހަރާއާއި ދިމާއަށް އޮންނަ މަގުން ހިނގާ މީހުނަށް ނުރައްކާވާ ހިސާބަށް ގޮސްފައި ވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަސައްކަތާ ހަވާލުވި އެމްއާރްޑީސީން ބުނީ އެ ސަރަހައްދަކީ ސްކޫލެއް ހުންނަ ސަރަހައްދެއް ކަމަށް ވުމުން ސްކޫލް ބަންދު ނިމުމުގެ ކުރިން މި މަސައްކަތް ނިންމަން އިސްކަން ދޭނެ ކަމަށެވެ.