ކުއާލަލަންޕޫރު : 2010 ވަނަ އަހަރު 15.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓް މެލޭޝިޔާއަށް ލިބުނުކަމަށާއި މިއިންވެސްޓްމަންޓްތަކުން 910 މަޝްރޫޢު ތަންފީޒު ކުރުމުގެ ހުއްދަ ދެވުނު ކަމަށް މެލޭޝިޔާގެ އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

މިކޯޕަރޭޝަނުން ނެރުނު 2010 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ބުނާގޮތުން 2010 ވަނަ އަހަރު މެލޭޝިޔާއަށް 15.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓް ލިބުނިއިރު 2009 ވަނައަހަރު ލިބުނީ 11 ބިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެވެ. ބޭރުގެ އިންވެސްޓްމަންޓްތައް ލިބުމުގައި 2010 ވަނަ އަހަރު މިހާބޮޑު ކުރިއެރުމެއް ޙާސިލްކުރެވުނީ މެލޭޝިޔާގެ އިޤްތިސާދާއި މެލޭޝިޔާގެ ޤާނޫނުތަކާމެދު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވުމުންދިޔުމުގެ ސަބަބުން ކަމަށް މިރިޕޯޓް ބުނެއެވެ. 2010 ވަނަ އަހަރު މެލޭޝިޔާއަށް ލިބުނު ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެޤައުމުގައި އެއްލައްކައަށްވުރެގިނަ ވަޒީފާގެ ފުރްސަތު ތަނަވަސްވެފައިވާއިރު މީގެތޭރޭގައި ގިނައީ ބޮޑުމުސާރައާއި މަތީ ޢިނާޔަތްތައްލިބޭ ފަންނީ ވަޒީފާތަކެވެ. އެހެންކަމުން މިއީ ފަންނީ ދާއިރާތަކުން މަތީތަޢްލީމް ޙާސިލްކޮށްގެންތިބި މެލޭޝިޔާގެ ޒުވާނުންނަށް ފަހިވެގެންދިޔަ ވަރަށް ރަނގަޅު ފުރްސަތުތަކެކެވެ.

މެލޭޝިޔާގެ ބައިނަލްއަޤްވާމީ ވިޔަފާރިއާ އަދި ސިނާޢަތާބެހޭ ވަޒީރު މުޙައްމަދު ޛިކްރު ވިދާޅުވިގޮތުގައި 2010 ވަނަ އަހަރު މެލޭޝިޔާއަށް ލިބުނު ބޭރުގެ އިންވެސްޓްމަންޓްތަކުގެ ތެރެއިން 9.5 ބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓްކުރެވުނީ ސިނާޢަތާއި އުފެއްދުންތެރިކަމުގެ ސެކްޓަރ ގައެވެ. މިކަމުގެ ސަބަބުން 2009 ވަނަ އަހަރާ އަޅާބަލާއިރު 2010 ވަނަ އަހަރު މެލޭޝިޔާގެ ސިނާޢީ ސެކްޓަރަށް 31 ޕަސެންޓް ގެ ކުރިއެރުމެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. މެލޭޝިޔާގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ގިނަ އިންވެސްޓަރުން ނިސްބަތްވަނީ ޖަޕާން، ޗައިނާ، ހޮންގްކޮންގ، ސިންގަޕޫރު، އެމެރިކާ އަދި ޖަރުމަނަށެވެ. -- އަލްޖަޒީރާ