މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް މިއަދު ބޭއްވި އިންތިޚާބުގައި މީޑިއާތަކުން ތަމްސީލް ކުރާ އަށް މަގާމަށް ވާދަކުރެއްވި 14 ކެންޑިޑޭޓުންގެ ތެރެއިން ހަތް ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކުރައްވައި، ފަސް ކެނޑިޑޭޓެއްގެ ނަތީޖާ އެއްވަރުވުމުގެ ސަބަބުން އަށް ވަނަ މެންބަރަކު އިންތިހާބުކުރާން ގަދަ ހިފުމަކަށް ދާން ޖެހިއްޖެ އެވެ.

ހޯމް މިނިސްޓްރީގެ ފަރާތުން މިއަދު ޒުވާނުންގެ މަރުކަޒުގައި ބޭއްވި މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ޖުމުލަ 61 މީޑިއާއަކުން ވޯޓު ލާފައިވާ އިރު، ފަސް ކެނޑިޑޭޓެއްގެ ނަތީޖާ އެއްވަރުވެފައި ވަނީ، ޖުމުލަ 28 ވޯޓު ލިބިގެންނެވެ.

މިއަދުގެ ވޯޓުގައި ފަސް ވޯޓު ބާތިލްވެފައިވާ އިރު، ސައްހަ 56 ވޯޓުގެ ތެރެއިން 28 ވޯޓުން އެއްވަރުވި، ކެންޑިޑޭޓުންނަކީ، ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ވާދަކުރެއްވި ސ. ހިތަދޫ ބޯށިވަލުގޭ، ޙަސަން ޒިޔާއު އާއި
ވީއެފްއެމްގެ ފަރާތުން ވާދަކުރެއްވި ހ. މާވަޑިއާގޭ އިމާދު ޙަސަން ލަޠީފާއި، ވީކްލީގެ ފަރާތުން ވާދަކުރެއްވި ބ. ތުޅާދޫ ޝަރުތު، އަޙްމަދު ރިފާޢު އާއި ސަން އޮންލައިންގެ ފަރާތުން ވާދަކުރެއްވި، ގއ. ވިލިނގިލ ދިލްކަޝްވިލާ، ޙުސައިން ޙަސަން އާއި، ސަން ޓީވީގެ ފަރާތުން ވާދަކުރެއްވި ތ. ދިޔަމިގިލީ ޝަބްނަމީގޭ އަޙުމަދު މުޖުތަބާ އެވެ.

މިއަދު ބޭއްވި އިންތިހާބުގައި ކައުންސިލްގެ ގޮނޑި ކަށަވަރުކުރެއްވި ބޭފުޅުންނަކީ، ޓީވީއެމްގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި، ދަފްތަރު ނަންބަރު ރސ، 7921 ޙަފްސީ ޢަބްދުﷲ އާއި އެޓޯލް ޓީވީގެ ފަރާތުން ވާދަކުރެއްވި، ގއ. ކޮލަމާފުށި އޮއިވާލި މުޙައްމަދު ރަފީގާއި، އުތުރު.ކޮމްގެ ފަރާތުން ވާދަކުރެއްވި، ގދ. ރަތަފަންދޫ ބަހާރީވިލާ މިއުސަމް ޢައްބާސާއި ހަވީރު ނޫހުގެ ފަރާތުން ވާދަކުރެއްވި، ސ. ހިތަދޫ އަބުހަރީގޭ އަޙްމަދު ހަމްދޫނާއި ދުވަސް އޮންލައިނުން ވާދަކުރެއްވި ގދ. ފަރެސް ހުސްނުހީނާގޭ މުޙައްމަދު ޢާމިރު އަހްމަދާއި ވީޓީވީގެ ފަރާތުން ވާދަކުރެއްވި މ. ރަތްވިލާ މުޙައްމަދު އާސިފެވެ.

މީޑިއާ ކައުންސިލް އިންތިޚާބުގައި އާންމު ފަރާތްތަކުން ތަމްސީލުކުރާ 7 މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މިނިސްޓަރު ކަޑައެޅުއްވި 14 ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ކާމިޔާބުކުރެއްވީ، ދަފްތަރު ނަންބަރު 2345 އަބްދުއްލަޠީފް އަޙްމަދާއި ދަފްތަރު ނަންބަރު 1119، އަޙްމަދު ޝަރީފް ނަފީސްއާއި މއ. ލޫޕިން އަޙްމަދު މިޒްމާދާއި މ. މިރުސްގަސްދޮށުގޭ އާމިނަތު ޙަސަންއާއި ސ. މީދޫ ބަހާރުގޭ އަޙްމަދު ޒަކީ ނާފިޒާއި މ. މާހިއާ ލީޝާ މުޙައްމަދާއި ހ. މައިދާން، މުޙައްމަދު މުރާދެވެ.