20 Nov 2014, 17:15
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ގިނަ ކަންތައްތަކާއި މެދު ހިންހަމަޖެހޭ ކަމަށާއި އަދި އަންނަ އަހަރު ތައާރަފް ކުރުމަށް ނިންމާފައިވާ ގްރީން ޓެކްސް އަށް ތާއީދު ކުރާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.
ރާއްޖޭގެ އިގްތިސޯދު ރިވިއުކުރުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އައިއެމްއެފްގެ ވަފުދުން މިއަދު މަރުކަޒީ ބޭންކްގެ އޮޑިޓޯރިއަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިޝަންގެ ހެޑް އެލިސަން ސްޓުއަޓް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އެ ޖަމިއްޔާ އިން ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށާއި އަދި އަލަށް ނެގުމަށް ނިންމާފައިވާ ގްރީން ޓެކްސް އަށް ތާއީދު ކުރާ ކަމަށެވެ.
"އަޅުގަނޑުމެން ގްރީން ޓެކްސް އަށް ސަޕޯޓް ކުރަން، އެކަން އަވަސް ކުރުމާ އެކު ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެއް" އެލިސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިޒިކަލް ޑެފެސިޓް ދަށް ކުރުމުގެ ގޮތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ހަރަދާއި ލިބޭ އާންމުދަނީ ހިމެނިފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށާއި އޭގެ ތެރެއިން އެންމެ ރަނގަޅު ފިޔަވަޅަކީ ސަބްސިޑީތައް ޓާގެޓު ކުރުން ކަމަށެވެ. އެގޮތުން މިހާރު ސަބްސިޑީތައް ދެވިގެންދަނީ ފަގީރެއް މުއްސަންޖެއް ތަފާތު ކުރުމެއް ނެތި ކަމަށާއި ސަބްސިޑީތަކަކީ ފަގީރުންނަށް ފައިދާވާ ގޮތަށް ދެވޭ އެއްޗަކަށް ހެދުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިގު މުއްދަތައް ކުރެވޭނެ ކަންކަމުގެ ޕަބްލިކް ސެކްޓާ ވަޒީފާތަކަކީ ދާއިމީކޮށް ދެވޭ އެއްޗަކަށް ހަދަން ޖެހޭ ކަމަށާއި ހަމައެހެންމެ ހަރަދުތައް ހިފަހައްޓައި ވޭޖް ބިލާ އެއްގޮތަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަސދި އެސްއީޒެޑް ބިލްގެ ފްރޭމްވޯކްގައި މީހަކަށް ޓެކްސް ދައްކަން ނުޖެހޭ ނަމަ އެކަން އޮންނަން ޖެހޭނީ ލިމިޓްކޮށްފައި ކަމަށާއި އެ ބިލުގެ ފްރޭމްވޯކްގެ ދެފުއް ފެންނަންޖެހޭނެ ކަމަށް އެލިސަން ވިދާޅުވި އެވެ.
އެލިސަން ވިދާޅުވީ ރާއްޖެގެ އިގުތިސާދު ރަނގަޅުވެ ޓޫރިޒަމް އިން ލިބެމުންދާ އާމްދަނީ އިތުރުވެ ބޭރުގެ ވިޔަފާރިތަކާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުންތައް ހަރުދަނާވެފައިވާ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާޙު ހުށަހަޅާފައި ވަނީ ޓޫރިސްޓް ގެސްޓްހައުސްތައް ފިޔަވައި ޓޫރިސްޓު ހިދުމަތްދޭ އެހެން ތަނެއްގައި ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ ޑޮލަރުގެ ރޭޓުން "ގްރީން ޓެކްސް"އެއް ނެގުމަށެވެ. އަދި އެ ޓެކްސް ނެގުމަށް މީރާ އަށް ލިބިދޭން ޖެހޭ ބާރުތައް ލިބިދިނުމަށް ޓަކައި ހުށަހަޅާފައިވެ އެވެ.
ރައީސް އޮފީހުން ބުނީ ގްރީން ޓެކްސް ތައާރަފު ކުރުމަށް ނިންމާފައި ވަނީ ރާއްޖެ އަކީ ފަތުރުވެރިކަމުގެ މަންޒިލަކަށް ވެފައި ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ގާއިމުވެފައި ނެތުމުން، ފަތުރުވެރިކަމުގެ ދާއިރާ އަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާތީ، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އެކަށީގެންވާ ކުނި ނައްތާލާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަކީ ތިމާވެއްޓާ ރައްޓެހި ސިނާއަތްތަކަށް ހަދައި ފަތުރުވެރިންނަށް ތިމާވެއްޓާ ރައްޓެހި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.