20 Nov 2014, 16:33
ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ 55 މީހަކު އެ މައްސަލައިގެ ހެކި ބަސް ނަގައި ނިމެންދެއް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އެގޮތަށް އަމުރު ނެރެފައިވަނީ އެ މައްސަލާގައި ހެކި ބަސްދޭން ތިބި މީހުންނަށް އެމީހުން ބިރު ދައްކައި އިންޒާރުދެމުންދާތީ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު 10:00 އަށް އެ މައްސަލަ ތާވަލްކުރީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމަށެވެ. އެހެންނަމަވެސް މިއަދުގެ އަޑުއެހުން ކެންސަލް ކުރުމަށްފަހު ކޯޓުން ވަނީ އެ މީހުން ހެކީންނަށް ބިރުދައްކައި އިންޒާރު ދެމުންދާތީ ހެކިބަސް ނަގައި ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި އެމީހުން ބަންދުގައި ބައިތިއްބުމަށް އަމުރުނެރެފަ އެވެ.
ތިނަދޫގައި ހުޅުޖަހައި އަންދާލި ތަންތަނުގެ ތެރޭގައި ހިމެނެނީ ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ ޕޮލިސްޓޭޝަނާއި ތިނަދޫ ކޯޓެވެ. އެ މައްސަލައާ ގުޅިގެން ޖުމްލަ 89 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.