20 Nov 2014, 14:47
މިފަހަރު ވޯލްޑް ކަޕް ކެރަމް މުބާރާތުގައި ކުޅުނު ރާއްޖޭގެ ގިނަ ކުޅުންތެރިންނާއި ވޭތުވެދިޔަ 10 އަހަރު ގައުމީ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވާ އަދި ބައިނަލްއަގްވާމީ ކެރަމް މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް ރީތި ވަނަތަކެއް ހޯދާފައިވާ ސީނިއާ ކެރަމް ކުޅުންތެރިންތަކެއް، އެސްޓީއޯ ނޫފަހި 25 ވަނަ ގައުމީ ކެރަމް މުބާރާތް ބޮއިކޮޓް ކުރުމަށް ނިންމައިފި އެވެ.
ގައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ފަހުރުވެރި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ގިނަ ކުޅުންތެރިންތަކެއް މިފަހަރުގެ ގައުމީ ކެރަމް މުބާރާތުގައި ވާދަ ނުކުރަން ނިންމާފައި ވަނީ ވަރަށް ގިނަ ސަބަބުތަކާ ހެދިކަމަށް ކުޅުންތެރިން ވަނީ ފާހަގަކޮށްފައެވެ.
މީގެ ތެރޭގައި ރާއްޖޭގައި ބޭއްވި ކެރަމް ވޯލްޑް ކަޕްގައި އަންޕަޔަރުކަން ކޮށްފައިވާ، އަދި މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ކަންހޯދައި މިއަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދާފައިވާ، އިބްރާހީމް ލިފާއު އާމިރުގެ އަހުލާގީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ، އޭނާއަށް މުބާރާތުގައި ބައިވެރި ނުވެވޭނެ ކަމަށް ވަރަށް ކުއްލި ގޮތަކަށް ކެރަމް އެސޯސިއޭޝަނުން ކަނޑައަޅާފައި ވުން ހިމެނެ އެވެ.
މުބާރާތުގައި ބައިވެރި ނުވާން ނިންމި ކުޅުންތެރީން ކިޔައިދިން ގޮތުގައި، މިފަހަރުގެ ކެރަމް ވޯލްޑް ކަޕްގައިވެސް މިފަދަ އެތައް ކަމެއްގައި އެސޯސިއޭޝަން އާއި ކުޅުންތެރިންނާ މެދު މައްސަލަ ޖެހިފައިވެ އެވެ. އަދި ރާއްޖެ ތަމްސީލް ކުރި ގައުމީ ކެރަމް ޓީމާ ދޭތެރޭ އެސޯސިއޭޝަނުން ކަންތައް ކޮށްފައި ވަނީ އެހާ ރަނގަޅަށް ނޫން ކަމަށް ވެސް އެ ކުޅުންތެރީން ކިޔައިދިނެވެ.
މުބާރާތް ބޮއިކޮޓް ކުރި ކުޅުންތެރިން 'ސަން' އަށް މައުލޫމާތުދެމުން ބުނީ، ލިފާއު މުބާރާތުން ސަސްޕެންޑު ކުރުމަށް އެސޯސިއޭޝަނުން ނިންމާފައިވަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ.
"މި މައްސަލާގައި އެސޯސިއޭޝަނުން ކަންތައް ކޮށްފައިވަނީ އިންސާފްވެރި ގޮތަކަށެއް ނޫން. ކުޅުންތެރިޔާއަށް ނުކުޅެވޭނެކަން އަންގާފައި ވަނީވެސް އެންމެ ފަހު ވަގުތު. އޭރު މުބާރާތުގެ ޓީމް އިވެންޓްވެސް ކުޅެފި. އަދި މިކަން އަންގަނީވެސް އެހެން ކުޅުންތެރިއެއް މެދުވެރިވެގެން. އަޅުގަނޑުމެން ބުނިން އޭނާގެ މައްސަލަ ބެލިޔަސް އޭނާއަށް މުބާރާތުގައި ބައިވެރި ވެވޭނެ ގޮތް ހަދައިދޭށޭ. މައްސަލަ އެސޯސިއޭޝަންގެ ކޮޅަށް ނިމިއްޖެއްޔާ އޭނަ މުބާރާތުން ވަކި ކުރެވޭނެއޭ،" އެ ކުޅުންތެރީން ކިޔައިދިނެވެ.
"މިއީ އެސޯސިއޭޝަންގެ ސެކްރެޓެރީ ޖެނެރަލް އާއި ލިފާއުއާ ދެމެދު ޖެހުނު މައްސަލައެއް. މި މައްސަލަ ބަލަން ވާނީ އެހެން މުސްތަގިއްލު ފަރާތަކުން. ނަމަވެސް މައްސަލަ ބަލަނީ ވެސް ޖެނެރަލް ސެކްރެޓެރީ. މައްސަލައިގައި ގޮތް ނިންމަނީވެސް އެ ބޭފުޅާ. އަޅުގަނޑުމެން މުސްތަގިއްލު ފަރާތަކުން ނިންމާ ނިންމުމަށް އިހްތިރާމް ކުރާނަން. ބޮއިކޮޓް ކުރީ ލިފާއު ގެ ރައްޓެހިންނަށް ވާތީކީ ނޫން. އެސޯސިއޭޝަން ހިންގުމުގައި ހުރި ވަރަށް ގިނަ މައްސަލަތަކާ ހެދި،"
މިކަމާގުޅޭގޮތުން ކެރަމް އެސޯސިއޭޝަންގެ ރައީސް އަޙްމަދު މުބީން ވިދާޅުވީ، މުބާރާތުން ވަކިވާންއެދި ސީނިއާ ކުޅުންތެރިންތަކެއް އެސޯސިއޭޝަނަށް ސިޓީ ލާފައި ވާކަމަށާއި، އެ ސިޓީގައި ސަބަބު ބަޔާން ކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުބާރާތް ކުރިއަށް ގެންދިޔަ ނުދިނުމަށް ކުޅުންތެރިއަކު އުޅޭ ކަމަށާއި، އެއީ ސިޔާސީ މަގްސަދެއް ހާސިލް ނުވުމުން ކުރަން އުޅޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެ ކުޅުންތެރިން މިޑިއާގެ ނާޖާއިޒް ފައިދާ ނަގައި، ހަގީގަތާ ހިލާފު ހަބަރުތަކެއް ފަތުރަން މަސައްކަތް ކުރޭ. އެހެން ނަމަވެސް އެ ކުޅުންތެރިންނާ ނުލައިވެސް މުބާރާތް ކުރިއަށް ގެންދާނަން،" މުބީން ވިދާޅުވި އެވެ.
މިފަހަރުގެ ގައުމީ ކެރަމް މުބާރާތް ބޮއިކޮޓް ކުރަން ނިންމި ކުޅުންތެރިންގެ ތެރޭގައި މިއަހަރު ކެރަމް ވޯލްޑް ކަޕްގައި ރާއްޖެ ތަމްސީލު ކުރި ފިރިހެން އަދި އަންހެން ޓީމުގައި ހިމެނުނު 8 ކުޅުންތެރިންގެ ތެރެއިން 6 ކުޅުންތެރިން ހިމެނެ އެވެ.
ގައުމީ މުބާރާތް ބޮއިކޮޓް ކުރި ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ކެރަމް ޗެންޕިއަންކަން ހަ ފަހަރު ހާސިލްކޮށް، 30 އަށްވުރެ ގިނަ ފަހަރު ގައުމީ ކެރަމް ޓީމަށް ކުޅެދީފައިވާ ހުސެއިން ނީޝާމް އާއި، މިދިޔަ ހަތަރު އަހަރު ގައުމީ ޗެންޕިއަންކަން ހޯދާއި، ދުނިޔޭގެ ކެރަމް ރޭންކިންގްގެ ހަތް ވަނައިގާވާ ހަސަން ނާޒިމްވެސް ހިމެނެ އެވެ. އަދި މީގެ އިތުރުން ކެރަމް ގައި ގައުމީ ލެވެލްގެ އެކި މުބާރާތްތަކާ ބައިނަލް އަގުވާމީ ފެންވަރުގެ އެކި ކާމިޔާބު ހޯދާދީފައިވާ ކާމިޔާބުކޮށްފައިވާ ޝާފީ މުޙައްމަދު އާއި އަޙްމަދު ހާމިދު ހިމެނެ އެވެ.
ބައިނަލްއަގްވާމީ ކެރަމް ފެޑަރޭޝަންގެ ސެކްރެޓެރީ ޖެނެރަލް ކަމަށް މިހާރު އިންތިހާބުވެފައިވާ މުހައްމަދު ސައީދު ވިދާޅުވީ، ކެރަމް އެސޯސިއޭޝަން އެކްސްކޯގެ ނިންމުންތަކާމެދު އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.
"ނަމަވެސް އެތައް ފަހަރެއްގެ މަތިން ގައުމީ މުބާރާތުގެ ތަށި ހޯދައި ބައިނަލް އަގްވާމީ މެޑަލް ރާއްޖެއަށް ހޯދާދީފައިވާ ގިނަ ކުޅުންތެރިން ނުހިމެނި މި މުބާރާތް ކުރިއަށް ދިޔުމަކީ މި މުބާރާތަށްވެސް އަދި ރާއްޖޭގެ ކެރަމަށްވެސް ލިބިގެން ދާނެ ވަރަށް ބޮޑު ހީނަރުކަމެއް،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، އެސޯސިއޭޝަނާއި ކުޅުންތެރިންނާމެދު ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް އައުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.