ކުޑަކުދިންނަށް ދޭންވާ ސަމާލުކަމާއި ލޯތްބާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި ކުޑަކުދިންނާމެދު ކުރާ އަނިޔާތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް ދައުލަތަށް މިހިނދުން މިހިނދަށް ގޮވާލާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅޭގޮތުން އެކޮމިޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 35 ވަނަ މާއްދާގައި، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރުމަށް ބާރު އަޅާފައިވާ ކަމަށެވެ.

ކުޑަކުދިންނަށް އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ރައްކާތެރިކަން ލިބުމަކީ އެކުދިންނަށް ލިބިގެންވާ ހައްގެއް ކަމަށް އެޗްއާރްސީއެމްގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

"ކުޑަކުދިންނާއި ޅަފުރާގެ ކުދީންނަށް އެއްވެސް ގޮތަށްކަށް ހާނިއްކަކޮށް، ޖިންސީގޮތުން އަނިޔާކޮށް އެއްވެސްގޮތަކުން ތަފާތުކޮށް އެކަށީގެން ނުވާ އިގްތިސާދީ އިޖްތިމާއީ ކަންތައްތަކުގައި ބައިވެރިކޮށް އެމީހުންގެ ފުށުން ނާޖާއިޒް މަންފާތައް ހާސިލްކުރުމަށް ހަމަ އެކަކުވެސް މަސައްކަތްކޮށްގެން ނުވާނެކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ." އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ކުޑަކުދިން ބޭނުންކޮށްގެން ހިންގާ ބަދުއަހުލާގީ މައްސަލަތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ނެވެ. އެގޮތުން 2011 ވަނަ އަހަރު 260 މައްސަލައެއް ހުށަހެޅިފައިވާއިރު 2012 ވަނަ އަހަރު 262 މައްސަލައެއް ފުލުހުންނަށް ރެކޯޑް ކުރެވިފައިވެ އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދަރިންނާ ގުޅޭ މައްސަލަތަކުގައި އެންމެ ގިނައިން ހުށަހެޅިފައިވަނީ ދަރިންނަށް އަނިޔާ ކުރުމުގެ މައްސަލަތަ ކެވެ. އެގޮތުން 2011 ވަނަ އަހަރު 72 މައްސަލަ ހުށަހަޅާފައިވާއިރު 2012 ވަނަ އަހަރު މިއަދަދުވަނީ 52.8 އިންސައްތަ އިތުރުވެ 110 އަކަށް އަރާފަ އެވެ. ހަމަ އެ އަހަރު ދަރިންނާ މެދު އިހުމާލުވެގެން 60 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

"ނަފްސާނީ އަނިޔާއަކީ ކުޑަކުދިންނަށް ކުރެވޭ އަނިޔާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އަދި އެންމެ ގިނައިން ކުރެވޭ ބާވަތުގެ އަނިޔާއެވެ. އެގޮތުން ކުޑަކުދިންނަށް މަޖަލަކަށް ހަދައި ދިމާކޮށް ފުރައްސާރަކުރުމާއި އެކުއްޖާ ނުރުހޭ ނަމަކުން މުޙާތަބުކުރުމަކީ އެކުއްޖަކަށް ދެވޭ ނަފްސާނީ އަނިޔާ އެކެވެ." އެޗްއާރްސީމްގެ ބަޔާނުގައިވަނީ ބުނެފައި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހަކީ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހެވެ.